ހަނގުރާމަތައް މަޑުޖެހިފައި ނުވާ ސޫރިޔާގެ ދެކުނުގެ ސަރަހައްދުތަކުގައި ސޭފް ޒޯންތަކެއް މެނޭޖުކޮށް ބެލެހެއްޓުމަށް، ގުޅިފައިވާ އޮޕަރޭޝަންސް ސެންޓަރެއް ގާއިމުކުރުމަށް އެމެރިކާއާއި ތުރުކީވިލާތުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

މި އެއްބަސްވުން އެކުލަވާލާފައިވަނީ 3 ދުވަހުގެ މުއްދަތަށް ތުރުކިވިލާތުގެ ވެރިރަށް އަންކާރާގައި ކުރިއަށްގެންދިޔަ ވަރުގަދަ މަޝްވަރާތަކަކަށްފަހުގައެވެ.

ބައްދަލުވުމަށްފަހު ތުރުކީވިލާތުގެ ދިފާއީ ވުޒާރާއިންނާ އަންކާރާގައި ހުންނަ އެމެރިކާގެ އެމްބަސީއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސޫރިޔާގެ އޮޕަރޭޝަންސް ސެންޓަރެއް ވީ އެންމެ އަވަހަކަށް ތުރުކީވިލާތުގައި ގާއިމުކުރުމަށް ދެގައުމުންވެސް އެއްބަސްވުމަކަށް އައިސްފައިވާކަމަށެވެ. އަދި އެ ސޭފް ޒޯންއަކީ ސުލްހައިގެ މަގަކަށްވެސް ވެގެންދާނެކަމަށް މިބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. ނަމަވެސް، މިކަމާ ބެހޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އަންކާރާގައި ކުރިއަށްދިޔަ ބައްދަލުވުމުގެ ބައިވެރިންވަނީ، ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ ސޫރިޔާގެ ރައްޔިތުންނަށް އަނބުރާ ގައުމަށް ދެވޭނެ އިންތިޒާމުތައް ވީ އެންމެ އަވަސް ފުރުސަތެއްގައި ހަމަޖައްސާދެވެންޖެހޭނެކަމަށް ގޮވާލާފައެވެ.