އަންނަ ބޮޑު އީދު ދުވަހުގެ ހަވީރު މާލެ އާއި ވިލިމާލޭގައި ވެހިކަލް ދުއްވުން މަނާކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ވެހިކަލް ދުއްވުން މަނާކޮށްފައި ވަނީ އީދުގެ ދުވަހުގެ ހަވީރު 4:30 އިން ފެށިގެން އެދުވަހުގެ އިރުއޮއްސި 6:30 އާ ހަމައަށް ކަމަށެވެ. އަދި ބުނީ ވެހިކަލް ދުއްވަން މަނާ ގަޑީގައި އެއްވެސް ވެހިކަލެއް ދުއްވާ ނަމަ އެ ފަރާތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެ ދުވަހުގެ ހަވީރު ވެހިކަލް ދުއްވުން މަނާކުރަން ނިންމީ މީގެކުރިން ވެސް އެ ކައުންސިލުން އެކިއެކި ދުވަސްތައް ފާހަގަ ކުރުމަށް މާލޭގެ މަގުތައް ކުޑަ ވަގުތުކޮޅަކަށް އިންޖީނުލީ ދުއްވާ ވެހިކަލްތައް ދުއްވުން މަނާކުރުމުން، ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންގެ އެއްބާރުލުން ލިބިފައިވާތީ ކަމަށެވެ.

މިއަހަރުގެ ފިތުރު އީދުގައިވެސް މާލެގެ މަގުތަކުގައި ވެހިކަލް ދުއްވުން ސިޓީ ކައުންސިލުން މަނާކުރިއެވެ. އަދި ދާދިފަހުން ހިންގި ބައެއް ހަރަކާތްތަކާއި ގުޅިގެންވެސް ސިޓީ ކައުންސިލާއި ޓްރާންސްޕޯޓުން ވަނީ ވެހިކަލް ދުއްވުން މަނާ ކޮށްފައެވެ.