އުތުރު ކޮރެއާއިން ކުރިއަށް ގެންދާ ހަތިޔާރު ތަރައްގީ ކުރުމުގެ މަޝްރޫއަށް ފަންޑުކުރުމުގެ ގޮތުން، ސައިބާ ހަމަލާތައް ދީގެން އެގައުމުން 2 ބިލިއަން ޑޮލަރު ވަގަށް ނަގާފައިވާކަމަށް ލީކުވެފައިވާ އދގެ ރިޕޯޓެއް ބުނެފިއެވެ.

"ސިއްރު" ސިއްކަ ޖަހާފައިވާ އދގެ ރިޕޯޓް ބުނާ ގޮތުގައި އުތުރު ކޮރެއާއިން ސައިބާ ހަމަލާ ދީފައިވަނީ ބޭންކުތަކާ ކްރިޕްޓޯ-ކަރަންސީ އެކްސްޗޭންޖްތަކަށެވެ. އެއަށްފަހު އެފައިސާތައް ނަގުދު ފައިސާއަށް ބަދަލުކުރާކަމަށްވެސް މި ރިޕޯޓްގައިވެއެވެ.

އިންޓަނެޓްމެދުވެރިކޮށް ދީފައިވާ މިފަދަ 35 މައްސަލައެއް އދއިން ތަހުގީގު ކުރަމުން އަންނަކަން، މިކަމާ ބެހޭ މައުލޫމާތު ލިބިފައިވާ ފަރާތަކުން އިނގިރޭސިވިލާތުގެ މީޑިއާއަކަށް ކަށަވަރު ކޮށްދީފައިވާކަމަށް އެ މީޑިއާއިންވަނީ ރިޕޯޓްކޮށްފައެވެ.

ނާޖާއިޒު ގޮތުގައި ފައިދާ ހޯދުމަށް އިންޓެންޓް ޕްލެޓްފޯމުގައި ހިންގާ ސައިބާ-މައިނިންގްގެ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެއެވެ. މިއީ ބާރުގަދަ ކޮމްޕިއުޓަރުތަކެއް ބޭނުންކޮށްގެން ވާޗުއަލް ފައިސާ އުފެއްދުމަށްފަހު، ހަގީގީ ނަގުދު ފައިސާއަށް، އަސްލެއް ނެތް ފައިސާ ބަދަލު ކުރުމުގެ ޖަރީމާއެކެވެ.

އުތުރު ކޮރެއާއިން މިފަދަ ގޮތްގޮތަށް ހޯދާ ފައިސާ ހަރަދުކުރަނީ އެކައުމުގެ ނިއުކްލިއާ މިސައިލް ރިޒާވް ވަރުގަދަ ކޮށް ތަރައްގީ ކުރުމަށްކަމަށް ބެލެވެއެވެ.