މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ ފައިސާއަށް ވީ ގޮތާއި ލިބުނު މީހުންގެ މައުލޫމާތު ތަހުގީގަށް ކިޔައި ދެއްވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ޅ. މާބިންހުރާ ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ފައިސާގެ މައްސަލާގައި އަދީބަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކުރި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، މިއަދުގެ އަޑުއެހުމުގައި އަދީބު ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލާއެކު ވެފައިވާ އެއްބަސްވުމަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އަދި އެމްއެމްޕިއާރުސީގެ ފައިސާއަށްވީ ގޮތެއް އަދި އެ ފައިސާތައް ދިޔަ ތަންތަނާއި މީހުންގެ މައުލޫމާތު ހާމަކޮށް ޕީޖީއެގެ އެއްބަސްވުން ދަމަހައްޓަވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޕީޖީއާއެކު ވެވަޑައިގެންނެވި އެ އެއްބަސްވުމުގެ ސަބަބުން މަރުގެ އިންޒާރާއި އެކިކަހަލަ އިންޒާރުތައް ލިބިވަޑައިގެންނެވި ކަމަށް އަދީބު ވިދާޅުވިއެވެ."ރާއްޖެއިން ބޭރަށް ވަޑައިގަތީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ރިޔާސީ ކޮމިޝަނާއި ފުލުހުންނާ ގުޅިގެން ތަހުގީގުކުރާ މައްސަލަ އަށް އެއްބާރުލުން ދޭން ފެށުމުން ލިބެންފެށި އިންޒާރުތަކާ ހެދި،"
އަދީބު

އަދީބު ވިދާޅުވީ މާބިންހުރާގެ މައްސަލަ އަކީ ވެސް އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން އެއް މައްސަލަ ކަމަށެވެ. ނަމަވެސް އެ މައްސަލަ އަކީ ތަހުގީގު ފުރިހަމަވެފައި ނުވާ މައްސަލައެއް ކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެ މައްސަލާގައި ކުރިން ޖަލަށްލީ ސިޔާސީ ބޭނުމެއްގައި ކުރީގެ ސަރުކާރުން ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ވެސް ފުރިހަމަ ކުރުމަށްޓަކައި ދައުލަތާ އެކު ވެވަޑައިގެންނެވި އެއްބަސްވުމުގެ ދަށުން އެއްބާރުލުން ދެއްވާނެ ކަމަށް އަދީބު ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ އަދީބު ބަންދުގައި ހުންނެވީ ފުރުން މަނާ ކުރުމުގެ އަމުރާ ހިލާފްވި މައްސަލައިގައި ނޫން ކަމަށާއި، ބަންދުގައި ހުންނެވީ އެހެން މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެމަނިކުފާނު ދޫކޮށްލައްވައިފި ނަމަ، މުޖްތަމައަށް ނުރައްކާވުމުގެ އިތުރުން ފިއްލަވައިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ދައުލަތުން ބުނެއެވެ.

ނަމަވެސް ދައުލަތުގެ ވާހަކަތައް ދޮގުކުރައްވާ އަދީބު ވިދާޅުވީ އެމަނިިކުފާނު މިހާރު ވެސް ބަންދުގައި ހުންނެވީ ފުރުން މަނާކުރުމުގެ އަމުރާ ހިލާފްވި މައްސަލައިގައި ކަމަށެވެ. އަދި ވަކީލަކާ އެކު އެ ވާހަކަތައް ކޯޓުގައި ދެއްކުމުގެ ފުރުސަތަކަށް އެދިވަޑައިގެން، އެކަމަށް ދެ ދުވަހުގެ މުއްދަތެއް ދޭން އަދީބު އެދިވަޑައިގެންނެވިއެވެ.

އެހެންނަމވެސް ދައުލަތުން އެދުނީ ވަކީލަކު ހަމަޖެއްސެންދެން ވެސް، މިއަދުން ފެށިގެން އަދީބު ޝަރީއަތް ނިމެންދެން ބަންދުކޮށް ދިނުމަށެވެ. މިކަމުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އަދީބުގެ ބަންދާ މެދު ފަނޑިޔާރުން މަޝްވަރާ ކުރެއްވުމަށް ފަހު، އެކަމުގައި ކޯޓުން ނިންމާ ގޮތެއް އަންގަވާނެ ކަމަށެވެ. މީގެ އިތުރުން އެ މައްސަލައިގެ ޖަވާބުދާރީވުމަށް ވަކީލަކު ހަމަޖެއްސުމަށްޓަކައި ވެސް ހަތް ދުވަހުގެ މުއްދަތެއް އަދީބަށް ވަނީ ދެއްވާފައެވެ.