ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައެޅި ޓެކްސީތަކުގެ އަގުތަކާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، އެ އަގުތައް ބަލައި ނުގަންނަ ކަމަށް ބުނެ ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނުގެ ފަރާތުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ސިޓީއެއް ފޮނުވައިފި އެވެ.
ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނުގެ ފަރާތުން ޓްރާންސްޕޯޓް މިނިސްޓަރަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނުގައިވާ އަގުތަކަކީ ޓެކްސީ ދުއްވާ ފަރާތްތަކުގެ އާމްދަނީއަށާއި ދިރިއުޅުމަށް ދަތިވެ ޑްރަވަރުން އަދި ޓެކްސީ ސެންޓަރުތަކަށް އެކަށޭނެ އާމްދަނީއެއް ލިބޭނޭފަދަ އަގުތަކެއް ނޫންކަމަށެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީތަކުގެ އަގުތައް ކަނޑައަޅާފައިވަނީ ޓެކްސީ ސެންޓަރުތަކުގެ މަޝްވަރާއާއި ނުލާކަމަށްވެސް އެ ސިޓީގައި ބުނެފައި ވެއެވެ. އަދި މިގޮތައް ޓްރާންސްޕޯޓް މިނިސްޓްރީން އަގުތައް ކަނޑައެޅި ނަމަވެސް، މި އަގުތައް ޓެކްސީ ސެންޓަރުތަކުން ބަލައި ނުގަންނާނެ ކަމަށް ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނު ފޮނުވި ސިޓީގައި ބުނެފައި ވެއެވެ. އަދި އެ އަގުތަކަށް އަމަލު ނުކުރާނެކަމަށްވެސް އެ ސިޓީގައި ބުނެފައި ވެއެވެ.
މީގެއިތުރަށް ރާއްޖެއަށް ޓެކްސީ އެޕްލިކޭޝަނެއް ބޭނުން ނުވާކަމަށާއި، އެއްވެސް ސެންޓަރަކުން ހުއްދަދީފައިވާ އެއްވެސް އެޕްލިކޭޝަނަކަށް ނުވަނުމަށް ނިންމާފައިވާކަމަށްވެސް ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނުން އެސިޓީގައި ބުނެފައި ވެއެވެ.
ޓެކްސީ ސެންޓަރުތަކުން ދަތުރުކުރުމަށް ކަނޑައަޅާފައިވާ އަގުތަށްވެސް އެސިޓީގައި އާންމުކޮށްފައި ވެއެވެ. އަދި މިއަގު ތަކުގެ އިތުރަށް ލަގެޖަށް ކުރިން ނަގަމުން ގެންދިޔަ އަދަދު ނެގުމާއެކު ވެއިޓިން ޗާރޖްގެ ގޮތުގައި ކޮންމެ ފަސްމިނެޓަކަށް 4 ރުފިޔާގެ ރޭޓު ނެގުމަށްވެސް އެ އެސޯއިއޭޝަނުންވަނީ ހުށަހަޅާފަ އެވެ. އެގޮތުން މާލޭގެ ސަރަހައްދުތަކުގައި ދަތުރު ކުރުމުގެ އަގަކީ 30 ރުފިޔާއެވެ. އެއާޕޯޓް ދަތުރަކަށް 100 ރުފިޔާގެ ރޭޓުން ނަގާއިރު، އެއާޕޯޓުން ލަގެޖާއެކު ތަދުރުކުރުމަށް 120 ރުފިޔާގެ ރޭޓުން ނަގައެވެ. ހުޅުމާލެ ފޭސް 1 ދަތުރުކުރުމަށް 120 ރުފިޔާގެ ރޭޓުން ނަގާއިރު، ހުޅުމާލެ ފޭސް 2 ދަތުރުކުރުމަށް 150 ރުފިޔާގެ ރޭޓު ކަނޑައަޅާފައިވާކަމަށް އެސިޓީގައި ބުނެފައި ވެއެވެ.
މިއަގުތަށް ކަޑައަޅާފައިވަނީ ޓެކްސީ ޑްރައިވަރުންނަކީ އެތައް ހަރަދެއްކުރަންޖެހޭ ބަޔަކަށްވުމުގެ އިތުރަށް، ސެންޓަރުތަކުން ރައްޔިތުންނަށް ރަގަނޅު ފެންވަރެއްގެ ހިދުމަތެއްދެމުން އަންނަކަމަށް ގަބޫލުކުރެވޭތީކަމަށް އެ ސިޓީގައު ބުނެފައި ވެއެވެ. އެއަގުތަކަށް ދަތުރުކުރުމަށް ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނުންވަނީ ޓްރާންސްޕޯޓް މިނިސްޓްރީއިން ހުއްދަ ދިނުމަށްއެދި ދަންނަވާފަ އެވެ. ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނަކީ މާލެ އަދި ހުޅުމާލޭގެ ހުރިހާ ޓެކްސީ ސެންޓަރުތަކުގެމައްޗަށް އެކުލަވާލެވިފައިވާ ޖަމިއްޔާއެކެވެ. މި ޖަމީއްޔާގެ މައިގަނޑު މަގްސަދަކީ ޓެކްސީ ޑްރައިވަރުންގެ ލާބައާއި މަންފާއަށް މަސައްކަތްކޮށް އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތަށް ހައްލުކުރުމުގައި ސަރުކާރުގެ އިދާރާތަކާއި ވާހަކަ ދެއްކުމެވެ.