އާއިލީ ބައްދަލުވުންތައް ނިމޭ ރަނގަބީލާއެކު ބްރެޒީލްގެ ޖަލަކުން ބޭރަށް ނިކުތުމަށް މަސައްކަތް ކުރަމުންދިޔަ އަންހެނަކަށް އެޖަލުގެ ގާޑުން ހުރަސް އެޅިއެވެ. ޝައްކުތަކެއް އުފެދި، އޭނާ އެއްފަރާތް ކޮށް، އިތުރު ބެލުންތަކެއް ބަލަން ފެށިއެވެ. ނަތީޖާ ނިކުތީ ހީވެ ނުކުރާ ފަދަ ގޮތަކަށެވެ. އެމީހާއަކީ އަންހެނަކަށްވެސް ނުވިއެވެ. އެމީހާ ވީ، ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދަނިކޮށް ޖަލަށް ލާފައި ހުރި ޖިނާއީ، ބޮޑު ކުށްވެރިއަކަށެވެ.

ކްލޯވީނޯ ޑާ ސިލްވާއަކީ 73 އަހަރާ 10 މަސްދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަންޖެހިފައިވާ މީހެކެވެ. އޭނާ ޖަލުން ފިލަން ރާވާފައި އޮތީ އޭނާގެ 19 އަހަރުގެ އަންހެން ދަރިފުޅު ޖަލަށް ގެނެސް، ކްލޯވީނޯ ހުންނަންޖެހޭ ތަނުގައި އެކުއްޖާ ބެހެއްޓުމަށްފަހު، އެ ކުއްޖާގެ ސިފާގައި ކްލޯވީނާ ފިލައިގެން ދިއުމަށެވެ.

ވަކި ހިސާބަކަށް ޖެހެންދެން ކަންކަން ދިޔައީ ޕްލޭނާ އެއްގޮތަށެވެ. ނަމަވެސް ގާޑުންނަށް ކްލޯވީނާ ހުއްޓުވަން ޖެހުނީ "އަންހެންމީހާ"ގެ ކިބައިން ނުތަނަވަސްކަމެއް ފާހަގަކުރެވެން ފެށި ހިސާބުންނެވެ.

ޖަލުގެ ގާޑުން "އަންހެންމީހާ" ހުއްޓުވާ، އޭނާގެ ހަށިގަނޑު ބަލާ ފާސްކުރާ މަންޒަރު ސޯޝަލް މީޑިއާގައި މިހާރު ވަނީ ވައިރަލްވެފައެވެ. ވީޑިއޯއިން ފެނިގެންދަނީ ކަޅުކުލައިގެ ދިގު އިސްތަށިގަނޑެއް އޮންނަ "އަންހެނެކެވެ". ވަކި ހިސާބަކުން ޖަލުގެ ގާޑުން އޭނާގެ އައިނާ، ވިގު ނަގައެވެ، އެހާ ހިސާބުން ހެދުމާ، އޭގެ އަޑިން ލާފައި ހުރި އެއްޗިހި ބާލައެވެ. ފިރިހެނެއްކަން ޔަގީންވެއެވެ. މީގެ އިތުރުން ކްލޯވީނޯ ހުންނަނީ މުޅި ބޮލަށް ރަބަރުގަނޑެއްހެން ފެތިފައި ހުންނަ މާސްކެއްވެސް ލައްވައިގެންނެވެ. ކްލޯވީނޯ މި މާސްކުވެސް ނައްޓައެވެ. އަދި ސުވާލު ކުރުމުން، އޭނާގެ ނަންވެސް ބުނެއެވެ.

ކްލޯވީނޯއަކީ މީގެ ކުރިންވެސް ޖަލުން ފިލާފައިވާ މީހެކެވެ. ނަމަވެސް މިފަހަރު އޭނާގެ މިޝަންވީ ނާކާމިޔާބެވެ.