03 ޤާނޫނަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ 3 ބިލެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ރައީސް މިއަދު ތަސްދީގުކުރެއްވި ތިން ބިލުގެ ތެރެއިން ދެ ބިލަކީ މިއަހަރުގެ ޖުލައި މަހުގެ 24 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިން ފާސްކުރެއްވި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނަށް 2 ވަނަ އިސްލާހުގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލެވެ.
އަދި މިއަދު ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގާނޫނަށް 2 ވަނަ އިސްލާހުގެނައުމުގެ ބިލުގައި އިސްލާހުކޮށްފައިވާ ބައިތަކުގެ ތެރޭގައި އިސްލާމީ ޔުނިވަރސިޓީގެ އިސް އޮފިސަރުންނާ ގުޅޭ މާއްދާއަކާއި ޗާންސެލަރ އާއި ވައިސް ޗާންސެލަރ އަދި ޑެޕިއުޓީ ވައިސް ޗާރސެލަރއާ ބެހޭ ބައެއް މާއްދާތައް ހިމެނެއެވެ. ރައީސް މިއަދު ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ގާނޫނަށް 2 ވަނަ އިސްލާހުގެނައުމުގެ ބިލުގައި އިސްލާހުކޮށްފައިވާ ބައިތަކުގެ ތެރޭގައި ޔުނިވަރސިޓީ ކައުންސިލުގެ މެންބަރުންނާ ގުޅޭގޮތުން ހުރި ބައެއް މާއްދާތަކަށް އިސްލާހު ގެނެސްފައިވެއެވެ.
މީގެ އިތުރުން މިއަދު ތަސްދީގުކުރެއްވި އަނެއް ބިލަކީ މިއަހަރުގެ ޖުލައި މަހުގެ 31 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލެވެ. ރައީސް މިއަަދު ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނަށް ގެނައި 5 ވަނަ އިސްލާހާއެކު ފަރުޟް ހައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން އެ އަހަރަކު ހައްޖަށް ދިޔުމަށް ދައްކަންޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދަށްވާ ފައިސާގެ 80 އިންސައްތަ ދޫކުރެވޭގޮތަށް ހަމަޖެހިގެންދާނެއެވެ.
މި ތިންބިލު ރައީސް މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެން މި ބިލުތައް ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފަ އެވެ.