ގަވައިދާ ހިލާފަށް ބަރުކޮށްފައިވާ ތެލުގެ ޝިޕްމަންޓަކާ އެކު ދަތުރުކުރަމުން ދިޔަ ބޭރު ގައުމެއްގެ ކަނޑު ބޯޓެއް އީރާނުން އަނެއްކާވެސް ހިފަހައްޓައިފިއެވެ.

މިއީ ފާއިތުވީ މަހެއްހާ ދުވަހުގެ ތެރޭގައި އީރާނުން މިފަދަ ކަމެއް ކުރި 3 ވަނަ ފަހަރެވެ.

މި ބޯޓަށް އީރާނުން ހުރަސް އަޅާ، ހިފަހައްޓާފައި ވަނީ ހޮރުމޫޒު ކަނޑުއޮޅީގެ އުތުރުން އޮންނަ ފާރްސީ އައިލަންޑް ކައިރިން ދަތުރުކުރަމުން ދަނިކޮށެވެ. މި ރަށަކީ އީރާނު އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ އެއް ގޮފި ކަމަށްވާ އައި.އާރް.ޖީ.ސީގެ ބޭސްއެއް ހިންގަމުންދާ ރަށެކެވެ.

އައި.އާރް.ޖީ.ސީގެ ކޮމާންޑަރު ރަމަޒާން ޒިރާހީ ވިދާޅުވީ، އަރަބި ގައުމުތަކަށް ތެލުގެ ވަގު ވިޔަފާރި ކޮށްދެމުން ދިޔަ ބޭރުގެ ތެޔޮ ޓޭންކަރެއް، ފާރިސީ ގަލްފް ކަނޑުގެ ސަރަހައްދުން އައި.އާރް.ޖީ.ސީގެ ކަނޑުގެ އަސްކަރީ ބާރުގެ ދަށަށް ގެންގޮސްފައި ވާކަމަށެވެ. މި ޓޭންކަރުގައި 700000 ލީޓަރުގެ ތެޔޮ ހުރި ކަމަށާ، ޓޭންކަރުގައި ތިބީ އެކި ގައުމުތަކަށް ނިސްބަތްވާ 7 ފަޅުވެރިއެއް ކަމަށްވެސް ކޮމާންޑަރު ވަނީ ވިދާޅުވެފައެވެ. އަދި މި 7 ފަޅުވެރިންވެސް މިހާރު ވަނީ ހައްޔަރު ކުރެވިފައި ކަމަށްވެސް ޒިރާހީ ވަނީ ވިދާޅުވެފައެވެ.

މިއީ އިރާގާ ގުޅުން ހުރި ތެޔޮ ބޯޓެއް ކަމަށް އީރާނުން ބުނެފައިވީ ނަމަވެސް، އިރާގުން ދަނީ މިކަމަށް އިންކާރު ކުރަމުންނެވެ. އީރާނުގެ ތެލާ ބެހޭ ވުޒާރާއިން ބުނަމުންދަނީ އެގައުމަކީ ބައިނަލްއަގުވާމީ ބާޒާރަށް ޑީސަލް ބޭރުކުރަމުންދާ ގައުމެއް ނޫންކަމަށެވެ.

މިދަނޑިވަޅަކީ އިނގިރޭސިވިލާތުގެ ދިދަ ޖަހައިގެން ހޮރުމޫޒު ކަނޑުއޮޅިން ދަތުރު ކުރަމުން ދިޔަ އިތުރު ޓޭންކަރެއްވެސް އީރާނުގެ ކަމާ ބެހޭ ފަރާތްތަކުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ދަނޑިވަޅެކެވެ. މި ޓޭންކަރުގައި ފަޅުވެރިންގެ ގޮތުގައި ގިނަ އަދަދަކަށް އިންޑިއާ ރައްޔިތުން ތިބިއިރު، އިންޑިއާގެ ޚާރިޖިއްޔާއިން ވެސް ވަނީ ތެރެއަށް ވަދެފައެވެ.

ކަންމިހެން އޮތްއިރު އެމެރިކާގެ ސަރުކާރުން ދަނީ ބައިނަލްއަގުވާމީ މުޖުތަމައުން އީރާނު އެކަހެރި ކުރުމަށް ބޮޑު މިޝަންއެއް ރާވަމުން ކަމަށް ޚަބަރު ލިބެއެވެ.