ޓަގު ބޯޓެއްގައި ފިއްލަވައިގެން އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރެއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާ، އެމަނިކުފާނު މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އަދީބު މާލެ ގެެންނެވީ މިރޭގެ ވަގުތެއްގައި ދިވެހި އަސްކަރިއްޔާގެ ބެލުމުގެ ދަށުން ކޯސްޓްގާޑް ޝިޕް ހުރަވީގައެވެ. އަދި އެމްއެންޑީއެފުން އެމަނިކުފާނު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. ސުޕްރީމް ކޯޓުން އަދީބުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް އަދީބު ރާއްޖެ ދޫކޮށް ފިއްލަވަން މަސައްކަތް ކުރެއްވި މައްސަލައިގައި، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ފުލުހުން ކޯޓުގައި އެދުނެވެ.

މީގެ އިތުރުން، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އެއްބާރުލުން ދިނުމަށް ޕީޖީއާއެކު ވެފައިވާ އެއްބަސްވުމާ ވެސް ހިލާފުވެވަޑައިގެންފައިވާކަން ދައުލަތުގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް، އެމަނިކުފާނު ހައްޔަރުކުރެއްވީ ގާނޫނާ ހިލާފަށް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ. އަދީބު މިނިވަން ކުރުމަށް އަމުރު ކުރެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިނެވެ. ގާޒީ ވަނީ އަދީބު ހައްޔަރުކުރައްވަން ނެރުނު އަމުރުގެ ބާރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރަށް ނުހިނގާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ދިވެހި ފުލުހުންނަށް މީހަކު ހައްޔަރުކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއްގައި އެމީހަކު ހުރިނަމަ ކަމަށް ގާޒީ އަލީ ރަޝީދު ވިދާޅުވިއެވެ.

"އަދީބު ހައްޔަރުކުރީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ފުލުހުންނާއި ޕީޖީން އެއްބަސް ވާއިރު، އެ ހާލަތުގައި އެ އުޅަނދަކަށް، ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ހިނގާނީ އެ އުޅަނދެއްގައި ނަގާފައި ހުރި ދިދަ ނިސްބަތްވާ ގައުމެއްގެ ގާނޫނުތައް. އެހެންކަމުން ހައްޔަރުކުރުން ގާނޫނާ ހިލާފް ކަމަށް ފުލުހުންނާއި ޕީޖީގެ ބަހުން އެނގޭއިރު ބަންދުގެ މުއްދަތު އިތުރުކުރާ މެދު ސުވާލެއް ނެތް. އެއީ ހައްޔަރުކުރުން ގާނޫނާ ހިލާފް ވުމުން، ބަންދުގައި ބަހައްޓަން އަމުރުކުރެވެން ނެތުން،"
ގާޒީ އަލީ ރަޝީދު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާސްޕޯޓު ސުޕްރީމް ކޯޓުން ހިފަހައްޓާފައި ވަނިކޮށް، ޓަގު ބޯޓެއްގައި އަދީބު އިންޑިއާއަށް ވަޑައިގަތީ މިދިޔަ ބުރާސްފަތު ދުވަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 3 ދުވަހުގެ ދިގު ދަތުރެއް ކުރި ޓަގު ބޯޓަށް އަދީބު އެރުއްވީ ރާއްޖެއާ 150 ނޯޓިކަލް މޭލު ބޭރުންނެވެ. އަދީބު ފިއްލެވީ އެމަނިކުފާނު ބަންދުކުރުމުގެ އަމުރަކަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނުތާ ދެ މަސް ވީއިރު ވެސް އެ އަމުރާ މެދު ގޮތެއް ނުނިންމާ އޮއްވައެވެ.

އަދީބު އިންޑިއާ އިން ހިފަހެއްޓި އިރު އެމަނިކުފާނު ވަނީ އިންޑިޔާގެ ސިޔާސީ ހިމާޔަތަށްވެސް އެދިވަޑައިގެންފައެވެ. އަދީބުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމް މެދުވެރިކޮށް އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި ހުންނަވައިފި ނަމަ އެމަނިކުފާނު ފުރާނައަށް ނުރައްކާވާނެ ކަމަށެވެ. އެގޮތުން އަދީބު ވަނީ އިންޑިޔާގެ ސިޔާސީ ހިމާޔަތަށްވެސް އެދިވަޑައިގެންފައެވެ. ނަމަވެސް އިންޑިޔާއިން އެކަން ބަލައިގެންފައެއް ނުވެއެވެ.

އަދި އިންޑިއާއިން އަދީބު ފޮނުވާލެއްވުމާއި ގުޅިގެން އެމަނިކުފާނުގެ ވަލީކުން މިހާރު މަސައްކަތް ކުރަމުން ދަނީ އެ މައްސަލަ އދ އަށް ހުށަހެޅުމަށެވެ.

އަދީބަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައި މުގޫ ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި އޭނާ ފިއްލަވަން އުޅުއްވި ވަގުތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗައް ޝަރީއަތެއް ކުރެވެމުން ދާ ވަގުތެއްގައެވެ.