މާލޭގައި މީހަކު ރަހީނުކޮށްގެން ގެންގުޅެ އެ މީހާއަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި މާލެއިން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މީހަކު ރަހީނުކޮށްގެން އެ މީހާއަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ހެދުނު ދެ މީހަކު ގެންދެވިފައިވާ ކަމަށެވެ. އެއީ 19 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެއެވެ.

މިފަހަކަށް އައިސް މާލޭގައި މިފަދަ ކުށްތައް އަންނަނީ ގިނަވަމުންނެވެ. އަދި އެކަންކަން ހުއްޓުވުމަށްޓަކައި ފުލުހުން އަންނަނީ މަސައްކަތްތަކެއްވެސް ކުރަމުންނެވެ. ހާއްސަ ގޮތެއްގައި ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުމާއި މައްސަލަތައް ފަސޭހަ ކަމާއި އެކުގައި ފުލުހުންނަށް ރިޕޯޓު ކުރެވޭނެ އިންތިޒާމުތައް ފުލުހުން އަންނަނީ ހަމަޖައްސަމުންނެވެ.