އިއްޔެ ހަބަރުތަކުންނާއި ސޯޝަލް މީޑިއާގައި ގުގުމާލި ވާހަކައަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިންޑިއާގެ ސޫތުކުޅި (ޓުޓިކޮރިން) އިން ހައްޔަރުކުރި ވާހަކައެވެ. ސުޕްރީމް ކޯޓުން އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ވީނުވީއެއް ނޭނގި އަދީބު އިންޑިއާ އިން ހައްޔަރު ކުރި ކަމަށް ނޫސް ތަކުން ރިޕޯޓު ކުރުމާއި ގުޅިގެން އެ ހާދިސާ ހިނގި ގޮތް އެކި ފަރާތްތަކުން ސިފަކުރަނީ އެކި ގޮތަށެވެ.

އިންޑިއާއިން އަދީބު ހައްޔަރު ކުރި ހަބަރާއި އެކު ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކުން މިކަމާއި ގުޅޭ މައުލޫމާތު ހޯދުމަށް ކުރި މަސައްކަތް ދިޔައީ ފެނަށެވެ. ސޯޝަލް މީޑިއާގައި މި އަޑު ގަދަ ވުމުގެ ކުރިން ސަރުކާރުގެ އެއްވެސް އިދާރާއަކަށް އަދީބު ހުންނެވި ތަނެއް އެނގޭ ކަމަކަށް ނުވިއެވެ.

ގިނަ ތުހުމަތުތަކަކާ އެކު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި، އަދީބު މިނިވަންވީ ދާދި ފަހުންނެވެ. ނަމަަވެސް، އަދީބުގެ މައްޗަށް ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓުތައް ތަރައްގީ ކުރުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމަށްފަހު އެ ރަށްތަކާއި ފަޅުތަކުގެ އިކުއުޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާއަށް ހިޔާނާތްތެރިވެ އެފައިސާ ލޯންޑާ ކުރައްވާފައިވާ މައްސަލައާ އަދި ބޭރު ފައިސާ ގަނެ ދެއްވުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރްސީއަށް ފައިސާ ނެންގެވުމަށް ފަހު އެ ފައިސާއަށް ހިޔާނާތްތެރިވެ ވަޑައިގެން އެ ފައިސާވެސް ލޯންޑާ ކުރައްވާފައިވާ މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.

އެމްއެމްޕީއާރްސީ ތަހުގީގަކަށް އިއްޔެ ފުލުހަށް ހާޒިރުވުމަށް އަދީބަށް އެންގުމުން، އެދުވަހު ވަޑައިގަންނަވާނެ ކަމަށް އޭނާ ވަނީ ފުލުހުންނަށް އަންގަވާފައެވެ. އަދި އޭނާ ހަފްތާ ބަންދުގައި އާއިލާއާ އެކު ރިސޯޓަކަށް ވަޑައިގަންނަވަނީ ކަމަށް ފުލުހުންނަށް އެންގެވި ކަމަށް ބުނާ މައުލޫމާތު ލިބިފައިވާއިރު، އަދީބު އުޅުއްވާ ނޫޅުއްވާ ގޮތް ފުލުހުންނަށް ނުބެލުމަކީ އިންޓަލިޖެންސުގެ ކުޅަދާނަ ކަމާ މެދު ސުވާލު އުފެދޭ ކަމެކެވެ. އެއީ އިންޓަލިޖެންސް ފެއިލް ވުމެވެ.

ދާދި ފަހުން އިންޑިއާއަށް ބޭސްފަރުވާއަށް ވަޑައިގެންނެވި އިރުވެސް، ފިލުއްވަން އުޅުއްވި ކަމުގެ ތުހުމަތު އަދީބުގެ މައްޗަށް އޮތީ ކުރެވިފައެވެ. މި ފަދަ ތުހުމަތުތަކެއް ކުރެވިފައި އޮއްވާ، ފުލުހުން ތަހުގީގު ކުރާ މައްސަލައެއްގައި ޝާމިލުވާ ބޭފުޅަކު އެހާ ފަސޭހައިން ޓަގު ބޯޓަކަށް އަރުއްވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންވާއިރު ފުލުހުންގެ އިންޓަލިޖެންސަށް އެ މައުލޫމާތު ނުލިބުނީތޯ ނުވަތަ މައުލޫމާތު ލިބި ހުރެ އަޅާ ނުލީތޯ މިއީ މިހާރު ފުލުހުން ޖަވާބު ދޭން ޖެހޭ ސުވާލެކެވެ.

އަދީބު އިންޑިއާއަށް ވަޑައިގެންނެވި ޓަގު ބޯޓް ދަތުރުކުރި ޓްރެކް ރެކޯޑުން ދައްކާ ގޮތުގައި، އެ ބޯޓު މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު ކ. ދޫނިދޫ ކައިރީގައި ނަގިލި ލައިގެން އޮތުމަށް ފަހު ރާއްޖޭގެ ސަރަހައްދުން ޓްރެކްވެފައެއް ނުވެއެވެ. "ވާގޯ 9" ނަމަކަށް ކިޔާ މި ޓަގް ބޯޓަށް ރާއްޖެއިން އިންޑިއާ އަށް ދަތުރު ކުރުމަށް ތިން ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ނަގާއިރު، އަދީބު ރާއްޖޭގައި ނޫޅުއްވާތާ ގާތްގަނޑަކަށް ފަސް ދުވަސް ވެގެން ހިގައްޖެއެވެ. އެގޮތުން، އިތުބާރު ހިފޭ މަސްދަރަކުން "ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު އަދީބުގެ މޯބައިލް ފޯނު ވަނީ ރާއްޖެއިން ބޭރު ސަރަހައްދަކުން ރިިންގް ވެފައެވެ. އަދި ހޯމަ ދުވަހު ވީޗެޓުން މުއާމަލާތްވެސް ކުރައްވާފައި އެބަހުއްޓެވެ. ނަމަވެސް، އަދީބު ވަޑައިގަތީ މަހަށްތޯ، ޕިކްނިކްތޯ، އިންޑިއާއަށްތޯ، ޔޫރަޕަށްތޯ، ކީޢްކުރަންތޯވެސް ފުލުހުންގެ އިންޓަލިޖެންސަށް އެނގިފައި ނުވުމަކީ އެއީ ސުވާލު އުފެދޭ ކަމެކެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިންޑިއާއަށް ދަތުރުކުރެއްވި ޓަގް ބޯޓު "ވާގޯ 9"

އަދީބު އިންޑިއާއިން ހިފެހެއްޓިތާ 12 ވަރަކަށް ގަޑި އިރު ފަހުން އަދީބުގެ ބައިނއަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމު ކަމަށް ބުނާ ބަޔަކު ބުނީ އޭނާ އަނބުރާ ރާއްޖެ ފޮނުވާ ނުލެވޭނެ ކަމަށާއި، އަދީބު އިންޑިއާއަށް ވަގަށް އެތެރެވެވަޑައިގެން، އިންޑިއާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކަމަށް ބުނެ މީޑިއާތަކުގައި ދައުރުވާ ހަބަރުތަކަކީ ދޮގު ހަބަރުތަކެއް ކަމަށެވެ. އެ ޓީމުން ބުނީ އިންޑިއާގެ ސިޔާސީ ހިމާޔަތަށް އަދީބު އެދިވަޑައިގެންފައިވާ ކަމަށާއި، އަދީބު ރާއްޖޭގައި ބަހައްޓައިގެން މިހާރުގެ ސަރުކާރުން އޭނާގެ ބޭނުން ސިޔާސީ ގޮތުން ހިފަން މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި ތަފާތު އެކި ގޮތް ގޮތަށް "ބިރު" ދައްކައިގެން އޭނާ ލައްވާ އެކިއެކި ބަޔާންތައް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ޓީމުން ވަނީ ތުހުމަތު ކޮށްފައެވެ.

އިންޑިއާގެ ޓުޓިކޮރިން އިން ހައްޔަރު ކުރި ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އަދީބު އުޅުއްވީ ޓަގު ބޯޓުން ފައިބައިވަޑައިގެން މަސް ބޯޓަކަށް އަރުއްވައިގެން ޓުޓިކޮރިންއަށް ވަޑައިގެން، އިންޑިއާގެ ހިމާޔަތަށް އެދިވަޑައިގަންނަވާށެވެ. އަދި ބައެއް ހަބަރުތަކުގައި ބުނެފައިވަނީ އަދީބު އުޅުއްވީ ކަނޑުމަތިން މަސް ބޯޓަކަށް ބަދަލުވެވަޑައިގެން ލަންކާއަށް ވަންނަވަން ކަމަށެވެ. ނަމަވެސް އެބުނާ މަސް ބޯޓެއް ނައުމުގެ ސަބަބުން ޓަގު ގޮސް ވަނީ ޓުޓިކޮރިންއަށެވެ. އަދީބު އިންޑިއާގެ ހިމާޔަތަށް އެދިވާދައިގެންފައި ވާއިރު، އިންޑިއާގެ އަހުމަދު އާބާދުގައި އަދީބުގެ ގާތް ތަހުމަތްތެރިއަކު އިންތިޒާރު ކުރާ ކަމުގެ ހަބަރުތައްވެސް ފެތުރިފައި ވެއެވެ.

އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުން ބުނެފައި ވާއިރު، އަދީބާ މެދު އަމަލު ކުރާނެ ގޮތެއް ނިންމާނީ ދިވެހި ސަރުކާރުގެ އިރުޝާދުގެ މަތިން ކަމަށް އިންޑިއާގެ ބައެއް އޮފިޝަލުން ބުނެއެވެ.

ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކުގެ ނުރައްކާ އަދީބަށް ހުރި ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދާއިރު، ބައެއް ފަރާތްތަކުން ބުނަމުން ދަނީ، އަދީބު ފިލުމުގައި ސަރުކާރުގެ އިސްވެރިންގެ ޒިންމާ ބޮޑު ކަމަށެވެ. މިއީ ޖަވާބު ނުލިބިފައިވާ ބޮޑު ސުވާލަކަށް ވީހިނދު، އަދީބު ފިއްލަވައިގެން ވަޑައިގަތީ ޓްޓިކޮރިންއަށް މަސް ވިއްކަވަން ކަމަށް ހަދާ މިކަން ނިންމާލަން ވީތޯއެވެ.