މަހުރަމެއްގެ ހުއްދައާއި ނުލާ ގައުމުން ބޭރަށް ދަތުރުކުރުގެ ހުއްދަ، ސައުދީ އަރަބިއްޔާގެ އަންހެނުންނަށް ދިނުމަށް އެގައުމުން ނިންމާ، އެކަން އިއުލާންކޮށްފިއެވެ.

ސައުދީ ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައިވަނީ ސައުދީގައި ނަން ހިނގާ ގިނަ އަދަދެއްގެ އަންހެން ބޭފުޅުންތަކެއް، އެމީހުންގެ މަހްރަމުންގެ ގާތުން ސަލާމަތްވުމުގެ ނަމުގައި ގައުމުން ބޭރަށް ދަތުރުކުރެއްވުމަށް މަސައްކަތްކުރެއްވި މައްސަލަތަކެއް ފެންމަތިވެ، ބައިނަލްއަގުވާމީ ސަމާލުކަން ސައުދީއަށް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ.

ސައުދީ އަރަބިއްޔާއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ފުރަތަމަ އަންހެން އެމްބެސެޑާ ރީމާ ބަންދާރު އަލް ސައުދުވެސް ވަނީ ސައުދީ ސަރުކާރުގެ ނިންމުން، ކަށަވަރުކޮށްދެއްވާފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސައުދީގެ އެމްބެސެޑަރު ވިދާޅުވީ، އަލަށް އެކުލަވާލެވޭ ގަވައިދުތަކަކީ ތާރީހުގެ ތެރެއަށް ވަދެގެންދާނެ ގަވައިދުތަކެއް ކަމަށާ، މި ގަވައިދުތަކަކީ މުޖުތަމައުގައި އަންހެނުންނާ ފިރިހެނުންގެ ބައިވެރިވުން ހަމަހަމަކޮށްދިނުމަށް ގޮވާލާ ގަވައިދުތަކެއް ކަމަށެވެ.

ސައުދީ އަންހެނުން ގައުމުން ބޭރަށް ދަތުރުކުރާއިރު މަހުރަމުން ހުއްދަ ބޭނުން ނުވާ ގޮތަށް ހަމަޖައްސާ އެކަން އިއުލާން ކުރި ނަމަވެސް، މި ގަވައިދާ ބެހޭ މާ ބޮޑު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. ސައުދީގެ ރަސްމީ ގެޒެޓް ބުނާ ގޮތުން، ޕާސްޕޯޓަށް އެދި ހުށަހަޅާ ކޮންމެ މީހަކަވެސް ޕާސްޕޯޓް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މި ގަވައިދަކީ އުމުރުން 21 އަހަރުން މަތީގެ ކޮންމެ މީހެއްގެ މައްޗަށްވެސް ތަންފީޒު ކުރެވޭނެ ގަވައިދެކެވެ. ސައުދީގެ އަންހެނުންގެ ޕާސްޕޯޓް އާ ކޮށް، ގައުމުން ބޭރަށް ދަތުރުކުރާނަމަ އެމީހުންގެ ބަލަދު އަރާފައިވާ ފިރިހެނުންގެ ހުއްދަ ހޯދަންޖެހެއެވެ.