ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އަލްގައިދާ ޖަމާއަތުގެ މަރާލާފައިވާ ލީޑަރު، އުސާމާ ބިން ލާދިންގެ ދަރިފުޅު، ހަމްޒާ ބިން ލާދިން މަރާލެވިފައި ވާކަމަށް ގަބޫލުކުރެވޭ ކަމަށް އެމެރިކާއިން ބުނެފިއެވެ.

ހަމްޒާ ބިން ލާދިންއަކީވެސް އަލްގައިދާގެ އިސް މަގާމެއްގައި ހުރި މީހެއްކަމަށް އެމެރިކާއިން ބުނެއެވެ.

ހަމްޒާ މަރާލެވިފައިވާކަމަށް އެމެރިކާއިން ހާމަކުރި ނަމަވެސް، އޭނާ މަރުވީ ކޮން އިރަކު، ކޮން ތާކު، އަދި ކިހިނެއް ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ. މިކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ވަނީ އިންކާރުކުރައްވާފައެވެ. މީގެ އިތުރުން ވައިޓްހައުސްއިންވެސް ވަނީ ރަސްމީކޮށް މިކަމާ ބެހޭ ގޮތުން އެއްޗެއް ބުނުމަށް އިންކާރުކޮށްފައެވެ.

އުމުރުން 30 އަހަރު ފުރިފައި ހުންނާނެ ކަމަށް ބެލެވުނު ޙަމްޒާއަކީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާއަށް ޓެރަރިސްޓް ހަމަލާ ދިން ދުވަސްވަރު އުސާމާ ގާތުގައި ހުރި ދަރިއެއް ކަމަށް ގަބޫލުކުރެވެއެވެ. މީގެ އިތުރުން އެމެރިކާއިން އަފްޣާނިސްތާނު ހިފި ދުވަސްވަރު އުސާމާއާއިއެކު ޕާކިސްތާނުގައިވެސް ޙަމްޒާ އުޅުނުކަމަށް ގަބޫލުކުރެވެއެވެ.

ހަމްޒާ ބިން ލާދިން މަރާލެވުނު ވަކި ދުވަސްވަރެއްވެސް އެނގެން ނެތްއިރު، މިއަހަރުގެ މާޗް މަހުގެ ތެރޭގައި ސައުދީ އަރަބިއްޔާއިންވަނީ ހަމްޒާ ބިން ލާދިންގެ ރަށްވެހިކަން ބާތިލުކޮށްފައިވާނެކަން އިއުލާންކޮށްފައެވެ. އަދި މިއީ 2018 ވަނަ އަހަރުގެ ނޮވެމްބަރުމަހު ނެރެވުނު ޝަހީ އަމުރުފުޅަކާ ގުޅިގެން ނިންމި ނިންމުމެއްކަމަށްވެސް ސައުދީއިން ވަނީ ބުނެފައެވެ.