އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފާ ދެކޮޅަށް، އެމެރިކާގެ މާލީ ވުޒާރާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އެގޮތުން އެމެރިކާގައި ހުރި ޒަރީފުގެ ހުރިހާ އެސެޓެއްގެ އިތުރުން، އެމެރިކާއާއި އެމެރިކާއާއި ގުޅުން ހުރި އިދާރާތަކާއި އެ ނޫންވެސް ތަންތަނުން ކޮންޓްރޯލް ކުރާ އެސެޓްތައްވެސް މި ފިޔަވަޅުގެ ދަށުން ވަނީ ފްރީޒް ކޮށްފައެވެ.

އެމެރިކާގެ މާލީ ވަޒީރު ސްޓީވަން ނޫޝީން ވިދާޅުވީ، ޒަރީފްއަކީ އީރާނުގެ ރޫހީ ލީޑަރު ޢާޔަތުﷲ ޢަލީ ޚަމާނާއީގެ ޒިންމާދާރުކަން ކުޑަ އެޖެންޑާ ތަންފީޒު ކުރައްވާ ފަރާތެއް ކަމަށެވެ.

އެމެރިކާއިން އޭނާއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާކަން ކަށަވަރު ކޮށްދެއްވާ، ކުރެއްވި ޓްވީޓެއްގައި ޒަރީފު ވިދާޅުވީ، އެމެރިކާއިން އެކަން ކޮށްފައި ވަނީ، އޭނާއަކީ އެމެރިކާއިން ފަތުރާ އެޖެންޑާއަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެގައުމުން ދެކޭތީ ކަމަށެވެ.

އެމެރިކާއާއި އީރާނުގެ ގުޅުން އިންތިހާއަށް ނުތަނަވަސްވެގެން ގޮސްފައި މިވަނީ، އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާ އީރާނާ ދެމެދު 2015 ވަނަ އަހަރު އެކުލަވާލި ބައިނަލްއަގުވާމީ ފެންވަރުގެ ސުލްހައިގެ އެއްބަސްވުމުން، 2018 ވަނަ އަހަރު އެމެރިކާ ވަކިވި ހިސާބުންނެވެ.

އީރާނު ހިއްސާކުރާ އަރަބި ގަލްފް ކަނޑުގެ ސަރަހައްދުގައިވެސް މި ފަހަކަށް އައިސް ވަނީ އިންތިހާއަށް ނުތަނަވަސްކަން އުފެދިފައެވެ. އެގޮތުން އެމެރިކާއާއި އިނގިރޭސިންވެސް ހިމެނޭ ގޮތުން އިރާނާ ދެމެދު އަސްކަރީ ކުރިމަތިލުމެއް ފެށިދާނެ ކަމުގެ އިންތިހާ ބިރުވެރިކަން ވަނީ އުފެދިފައެވެ.