މިވަގުތު އުފެދިފައިވާ ހަމައެކަނި ކަންބޮޑުވުމަކީ ޙައްޖުގެ އަޅުކަން އެދިގެން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ފަރާތްތަކުން މި ދަތުރުގެ ނާޖާއިޒު ފައިދާތަކެއް ނަގާފާނެ ކަމުގެ ކަންބޮޑުވުންކަމަށް މައްކާގެ ގަވަރުނަރު އަމީރު ޚާލިދު އަލް ފައިސަލް ވިދާޅުވެއްޖެއެވެ.
1440 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ވިސާ ނަގާފައިވާ ފަރާތްތަކުގެ ތެރެއިން މިލިއަނަކަށް ވުރެ ގިނަ ޙާޖީން މިހާރު ތިބީ ސައުދީ އަރަބިއްޔާގައި ކަމަށް ޚަބަރު ލިބެއެވެ.
އަމީރު ޚާލިދު އަލް ފައިސަލް ވިދާޅުވީ، ޙައްޖުގެ އަޅުކަމުގެ ނަމުގައި ސިޔާސީ މަންފާތަކެއް ހާސިލުކުރުމަށް ހިންގާ ހުރިހާ އަމަލަކަށް ސައުދީ އަރަބިއްޔާއިން ދެކޮޅު ހަދާ ކަމަށާ، ޙައްޖުގެ އަޅުކަމަކީ ސިޔާސީ ޕްލެޓްފޯމަކަށް ހަދާތަން ބަލަން ސައުދީއިން ނުއޮންނާނެ ކަމަށެވެ.
ސަރަހައްދީ ފެންވަރުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ އަސަރު ޙައްޖުގެ އަޅުކަމުގެ ތެރެއިން ފެނިގެން ހިނގައިދާނެތޯ މީޑިއާއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މައްކާގެ ގަވަރުނަރު ވިދާޅުވީ، ހުރިހާ ޙާޖީންނަކާވެސް ސައުދީއިން މުހާތަބުކުރަނީ ޙާޖީންގެ ގޮތުގައި ކަމަށެވެ. ޙާޖީންނަށް ޚިދުމަތް ދެމުންދަނީ މާތްވެގެންވާ ދެ މިސްކިތުގެ އަޅުންގެ ގޮތުގައި ކަމަށާ، ޙައްޖުގެ އަޅުކަން އެދިގެން އެ ފަސްގަނޑަށް އަންނަ ކޮންމެ މީހަކަށްވެސް ސައުދީއިން މަރުޙަބާ ކިއާނެ ކަމަށެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމަށް ގައުމުތަކަށް ދޫކުރާ ކޯޓާގެ މިންވަރަކީ ސައުދީއިން ކަނޑައަޅާ މިންގަނޑެއް ނޫންކަމަށާ، އެއީ އިސްލާމީ ހުރިހާ ގައުމަކުން ބައިވެރި ކޮންފަރެންސްގައި ކަނޑައެޅިގެންދިޔަ ނިންމުމެއް ކަމަށްވެސް މައްކާގެ ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅެމުންދާ 1.8 ބިލިއަން މުސްލިމުންގެ ތެރެއިން އެތައް މިލިއަން މުސްލިމުންނެއް ކޮންމެ އަހަރަކުވެސް ޙައްޖުގެ އަޅުކަން އަދާކުރުމަށް ވިސާ ހޯދަން އެދި ހުށަހަޅައެވެ. ނަމަވެސް ކަނޑައެޅިފައިވާ ކޯޓާގެ އުސޫލުތައް ބުނާ ގޮތުން ކޮންމެ ގައުމަކަށްވެސް ލިބެނީ ގައުމެއްގެ ނިސްބަތުން ކޮންމެ މިލިއަން މުސްލިމަކަށް 1000 ޙާޖީންގެ ޖާގައެވެ.
ބެލެވޭ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 2 މިލިއަނަށްވުރެ ގިނަ މުސްލިމުން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރާނެއެވެ.