ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދާ ކެފޭ ކޮފީ ޑޭގެ ބާނީ އަދި އޯނަރު ވީޖީ ސިދާތާގެ ހަށިގަނޑު ފެނިއްޖެއެވެ.
ސިދާތާ ގެއްލުނު ބުރިޖަކީ ނީތްރަވާތީ ކޯރު ހުރަސްކޮށް އަޅާފައިވާ ބުރިޖެކެވެ.
އިންޑިއާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު ސަސީކާންތު ސެންތިލްއާއި ހަވާލާދީ އެގައުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސިދާތާގެ ހަށިގަނޑު ކަމަށް ބެލެވޭ ހަސިގަނޑެއް މިހާރު ވަނީ ފެނިފައެވެ.
އިންޑިއާގެ ކަރްނާޓަކާގެ މެންގަލޫރާ ދާދި ކައިރީގައި އޮންނަ ބުރިޖެއްގެ މައްޗަށް ކާރު ހުއްޓާ، ކާރުން ފައިބައިގެން ދިޔަ ފަހުން ޚަބަރެއް ނުވެގެން އޭނާގެ ކާރު ޑްރައިވަރު އާއިލާއަށް އެކަން އެންގީ ހޯމަ ދުވަހުގެ ރޭގަނޑުއެވެ. އޭގެ ފަހުން ސިދާތާ ހޯދުމުގެ މަސައްކަތް ފެށިގެންދިޔައެވެ.
ސިދާތާ ގެއްލުނު ބުރިޖަކީ ނީތްރަވާތީ ކޯރު ހުރަސްކޮށް އަޅާފައިވާ ބުރިޖަކަށްވާއިރު، އޭނާގެ ހަށިގަނޑު ފެނިފައިވަނީ މި ކޯރުގެ އައްސޭރިފަށުން ކަމަށް މައުލޫމާތު ލިބެއެވެ. ސިދާތާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ސިދާތާ ގެއްލުނު ރޭގެ ވާހަކަތައް ހިއްސާކުރަމުން އޭނާގެ ޑްރަވައިރު ބުނީ އެމީހުން ކުރަމުންދިޔައީ 200 ކިލޯމީޓަރަށް ވުރެވެސް ދިގު ދަތުރެއް ކަމަށާ، ނަމަވެސް ކުއްލިއަކަށް މެންގަލޫރާ ދިމާލަށް މިސްރާބު ބަދަލުކޮށްލުމަށް ސިދާތާ އެދުނު ކަމަށެވެ. އަދި ބުރިޖު މައްޗަށް ފޭބުމަށްފަހު ހިނގާލާނެ ކަމަށާ، ކާރު ތެރޭގައި މަޑުކުރުމަށް ޑްރައިވަރު ގާތު އެދުނު ކަމަށެވެ. ނަމަވެސް މާ ލަސްވާން ފެށުމުން ކާރުން ފައިބައިގެން ގޮސް ބެލިބެލުމުންވެސް ސިދާތާ ނުފެނުނު ކަމަށް ޑްރައިވަރު ވަނީ ބުނެފައެވެ. އަދި އޭރު ސިދާތާގެ ފޯނުވެސް އޮތީ ނިއްވާލާފައި ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކަންމިހެންއޮތްއިރު، އިންޑިއާގެ އިންކަމް ޓެކްސް ޑިޕާޓްމަންޓުން އަންގާރަ ދުވަހު ވަނީ ސިދާތާއާއި ގުޅުން ހުރި އާދަޔާ ހިލާފު އެހެން މައްސަލައެއް ފެންމަތިކޮށްފައެވެ. އެގޮތުން އޭނާގެ ނަމުގައި ނޯޓެއް ލިބިފައިވާކަމަށާ ނަމަވެސް އެ ނޯޓުގައިވާ ސޮޔަކީ އެއްވެސް އެއްޗެއްގައި އޭނާ ކުރާ ސޮއެއް ނޫންކަމަށް އެ އިދާރާއިން ދަނީ ބުނަމުންނެވެ. އެހެންކަމުން އެ ނޯޓުގެ ސައްހަކަމާ މެދު ސުވާލު އުފެދޭކަމަށްވެސް އެއިދާރާއިން ބުނެއެވެ.
ސިދާތާއާއި ދެކޮޅަށް އިންކަމް ޓެކްސް އިދާރާއިން މައްސަލައެއް ބަލާ ތަހުގީގު ކުރަމުންދަނީ ކަރުނާޓަކާ ސްޓޭޓްގެ އިސް ސިޔާސީ ލީޑަރެއްގެ މައްސަލައަކާ ގުޅިގެންނެވެ. މަރުވިއިރު ސިދާތާ ކައިވެނިކޮށްގެން އުޅުނީ ކަރުނާޓަކާ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު އެސްއެމް ކްރިޝްނާގެ ދަރިފުޅާއެވެ.
ކެފޭ ކޮފީ ޑޭއަކީ އިންޑިއާއަށް ދަތުރުކުރާ ދިވެހިންގެ މެދުގައިވެސް މަގުބޫލު ބްރޭންޑެކެވެ.