މަސްވެރިކަމާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ މަސްވެރިކަމާއި ބެހޭ ބިލަކީ މަސްވެރިންގެ ހިޔާލާއި އިހްސާސްތަކަށް ރިއާޔަތް ކުރެވިގެން، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރުންގެ އިރުޝާދާއި ލަފާވެސް ހިމެނިގެން ތައްޔާރު ކުރެވިފައިވާ ބިލެއް ކަމަށެވެ.
އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބިދޭސީ އުޅަނދުފަހަރުގައި މަސްވެރިކަން ކުރުމުގެ ހުއްދަ އެކި ސަރުކާރު ތަކުން އެކި ދުވަސްވަރު ދެމުން އައިސްފައި ވުމަކީ މަސްވެރިންގެ ކަންބޮޑުވުން ނުހަނު ބޮޑަށް އޮތް ކަމެއް ކަމަށާ، ދިވެހި ކަނޑުތަކަކީ ދިވެހިންނަށް ހާއްސަ ކަނޑުތަކެއްކަމުގައި ހެދުމަށް ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް މިހާރު އެކުލަވާލެވިފައިވާ މަސްވެރިކަމުގެ ބިލުގައި ބިދޭސީ އުޅަނދަކަށް ނުވަތަ ބޭރު ގައުމެއްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށް ދިވެހިރާއްޖޭގައި މަސްވެރިކަންކުރުމުގެ ލައިސަންސް ދޫކޮށްގެންނުވާނެ ކަމުގައި ބަޔާންކުރެވިފައިވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ މަސްވެރިކަމާ ބެހޭ ބިލުގައި ދިވެހިރާއްޖޭގައި ކުރާ ދޮށީގެ އަދި އަތުނަނުގެ މަސްވެރިކަމަކީ ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ސާފު ދެ މަސްވެރިކަމަށް ވެފައި، މިކަން މިގޮތަށް ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގައި ނުކުރެވޭނެ މަސްވެރިކަމުގެ ބާވަތްތައް މިބިލުގައި ކަނޑައަޅާފައިވާނެ ކަމަށެވެ.
މީގެ އިތުރުން ބޭރު ގައުމުތަކުގެ ގިނަ އުޅަނދުތަކަކުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވަގަށް މަސްވެރިކަންކުރާ ކަމުގެ ޝަކުވާ އަކީ މަސްވެރިންގެ ބޮޑު ޝަކުވާއެއް ކަމަށް ބުނެފައިވެއެވެ. އަދި ވަގަށް މަސްވެރިކަންކުރަނިކޮށް ހުއްޓުވާ ގިނަ އުޅަނދުފަހަރަށް ފިޔަވަޅު އެޅުމުގައި ހުރި ގާނޫނީ ދަތިތަކުގެ ސަބަބުން މިކަމަށް އެކަށީގެންވާ ހައްލެއް މިހާތަނަށް ހޯދިފައި ނުވާކަމަށް ރައީސް އޮފީހުން ބުނެއެވެ.
އަަދި މިބިލުގައި މިގޮތަށް ހިފެހެއްޓޭ އުޅަނދުފަހަރާއިމެދު އަމަލުކުރާނެ ގޮތުގެ ހަމަތައް ކަނޑައެޅިފައިވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މިފަދަ އުޅަނދުފަހަރު ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭނެ މާއްދާތައް ބިލުގައި ހިމަނާފައިވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެ އިތުރުން މަސް ވިއްކާނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިސް އެއް ކަނޑައެޅުމަކީ ހާއްސަކޮށް ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބޮޑު އެދުމެއްކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި އަހަރުގެ ބައެއް ދުވަސްވަރު މަހުގެ އަގު މާބޮޑަށް ދަށަށް ދިއުމުގެ ސަބަބުން މަހަށް އެކަށީގެންވާ އަގު ނުލިބޭ ކަމުގެ ޝަކުވާއަށް ހައްލެއް ހޯދުމަށް ބޮޑުކަންނެލީގެ މަސްވެރިކަމަށް އަދި އެހެނިހެން މަސްވެރިކަމަށް ވެސް މަސް ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިސް އެއް ކަނޑައެޅުމުގެ ބާރު މިބިލުން މިހާރު ލިބޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެ އިތުރުންވެސް، ރައްޔިތުންނާއި ގާތުން މަސް ޕްރޮސެސްކޮށް ވެލިއު އެޑް ކުރުމުގެ މަސައްކަތްތައް ކުރުމަށް މަގު ފަހި ކުރުމުގެ ގޮތުން ގޭދޮށުގައި އަޅާ މަސް ޕްލާންޓް އަދި މަސް ގަތުމުގައި މަސްވެރިންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާއި ގުޅޭ ކަންކަން ކުރުމަށް މި ބިލުގެ ތެރެއިން މަގުފަހި ވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.