މާލެއިން ސައިކަލެއް ވަގަށް ނަގައިގެން ފުލުހުންނަށް ފިލަން އުޅުނު މީހަކު ގެއެއްގެ ތެރޭގައި އޮއްވާ ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލު ވިދާޅުވީ، މިއަދު ފަތިހު 5:30 ހާއިރު ގަލޮޅުގައި ބާރު ސްޕީޑުގައި ސައިކަލެއް ދުއްވާފައި ދަނިކޮށް، ފުލުހުންނަށް ފެނިގެން މަޑުކުރަން ބުނި، ނަމަވެސް ސައިކަލު މަޑުނުކޮށް ދުއްވާފައި ދިޔަ ކަމަށެވެ.

އެ ސައިކަލަކީ ވަގަށް ނަގައިގެން ދުއްވާ ސައިކަލެއް ކަމަށް ފުލުހުންނަށް ބެލެވޭތީ، ސައިކަލް ފަހަތުން ފުލުހުން ދިޔައެވެ. އަދި ސައިކަލް ދުއްވަން އިން މީހާ ބޮޑުރަސްގެފާނު މަގަށް ސައިކަލު ދޫކޮށްލުމަށް ފަހު، ގަލޮޅު ގެއަކަށް ވަދެ ފިލަން މަސައްކަތް ކުރި ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި ފުލުހުން ވަނީ އެމީހާގެ ފަހަތުން ގޮސް އެމީހާ އަތުލައިގެން ވަގަށްނެގި ސައިކަލްވެސް ޓޯކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.