އިންޑިއާގެ މަޝްހޫރު ކޮފީ ޗެއިން ކެފޭ ކޮފީ ޑޭގެ ބާނީ އަދި އޯނަރު ވީޖީ ސިދާތާއަށް ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ.
އިންޑިއާގެ ކަރުނަޓަކާ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު އެސްއެމް ކްރިޝްނާގެ ދަރިއަކާ ކައިވެނިކޮށް އުޅޭ ސިދާތާ ގެއްލިގެން ހޯދަން ފަށާފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތަކުން ފެށިގެން ކަމަށް ޚަބަރު ލިބެއެވެ.
ލިބެމުންދާ ރިޕޯޓްތަކަށް ބަލާއިރު ސިދާތާ ގެއްލިފައި ވަނީ މެންގަލޫރުގެ ނީތްރަވާތީ ކޯރު ކައިރިންނެވެ. ސިދާތާ ގެއްލިގެން އޭނާގެ އާއިލާއަށް އެންމެ ފުރަތަމަ އެންގީ އޭނާގެ ކާރު ޑްރައިވަރެވެ. އެއީ އެ ސަރަހައްދުގައި އޮންނަ ބުރިޖެއްގެ މަތިން ކާރުން ފޭބުމަށްފަހު ޚަބަރެއް ނުވެ ގިނަ އިރުތަކެއްވެގެން ޑްރައިވަރު ގޮސް ހޯދައިގެންވެސް ސިދާތާ ނުފެނު ހިސާބުންނެވެ.
ސިދާތާ ގެއްލިގެން އުޅޭ ޚަބަރު ފެތުރެން ފެށުމާއެކު ގިނަ ބަޔަކު ދަނީ ކުރީގެ ޗީފް މިނިސްޓަރު ދިރިއުޅުއްވާ ގެ ކައިރިއަށް ޖަމާވަމުންނެވެ.
ކެފޭ ކޮފީ ޑޭގެ އައުޓްލެޓްތަކަކީ އިންޑިއާއަށް ދަތުރުކުރާ ދިވެހިންގެ މެދުގައިވެސް މަގުބޫލު ކެފޭތަކެކެވެ.