މި އަހަރުގެ ތެރޭގައި، ޓޫރިސްޓް ސްކައުޓުން ތަމްރީނުކޮށް އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން، އެ ހިދުމަތް ދޭން ފެށޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ މާސްޓާޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޖަޒީރާތަކުގެ މެހްމާންދާރީއަށް އެދިގެން އަންނަ ކޮންމެ ފަތުރުވެރިއަކަށް، ރާއްޖެއަކީ، އެމީހުންގެ ގައުމަށްވުރެ ވެސް އަމާން ތަނެއްކަން އިހުސާސްކޮށްދިނުމަކީ، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް ކަމަށެވެ.

އަދި އެ ސިޔާސަތުގެ ދަށުން، ގެސްޓްހައުސް ހިންގާ ރަށްރަށުގައި، ސޭފްޓީ ބޯޑް ބެހެއްޓުމުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު މި އަހަރުގެ ތެރޭގައި، ޓޫރިސްޓް ސްކައުޓުން ތަމްރީނުކޮށް، އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން، އެ ހިދުމަތް ދޭން ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަލަށް އެކުލަވާލެވޭ ފަސް އަހަރުގެ މާސްޓާ ޕްލޭންގައި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ހުރި ގޮންޖެހުންތަކާއި، ދަތިތަކާއި، މި ދާއިރާއަށް ހުނަރުވެރި މުވައްޒަފުން ހޯދުމާއި، ރާއްޖެއަކީ ފަތުރުވެރިންނަށް އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމާއި، ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާވެގެންދާއިރު، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އަމާޒުހިފުން، އެ މާސްޓަރ ޕްލޭންގައި ހިމެނިފައިވާނެ ކަމަށެވެ.

"ފަތުރުވެރި މުވައްޒަފުންގެ ދަފްތަރު އެކުލަވައިލުމުގެ މަސައްކަތް، އަޅުގަނޑު މި ދެންނެވި ޕްލޭންގެ ދަށުން ކުރިއަށް އޮތް ހައެއްކަ މަސްތެރޭގައި، އިރާދަކުރެއްވިއްޔާ ނިމިގެންދާނެ. އޭރުން ފަތުރުވެރި މުވައްޒަފުންގެ ހާލަތު ދެނެގަނެވި، އެމީހުންގެ ހިދުމަތުގެ އަގު ވަޒަންކުރުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ،"
ރައީސް ސޯލިހު

ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ފަތުރުވެރިކަމަކަށް އަމާޒު ހިފާއިރު، އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ތިމާވެށި ހިމާޔަތް ކުރުމަށް ކަމަށެވެ. އަދި މިދިޔަ ސަރުކާރުގައި ރިޒޯޓް ހަދަން ދޫކުރި ރަށްރަށުގެ ތެރެއިން، ގއ. އޮޑެގައްލާ އަދި ބ. އިންނަފުށީގައި ރިޒޯޓް ތަރައްގީ ކުރަން ހެދި ލީސް އެގްރީމެންޓް، މި ސަރުކާރުން އުވާލަން ނިންމީ، މި ދެންނެވި ސަބަބުތަކަށްޓަކައި ކަމަށެވެ.

"ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ތަރައްގީ ކުރެވޭނީ، ފަތުރުވެރި ދިވެހި މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއަހައިގެން. އެމީހުންގެ އެންމެ ބޮޑު ޝަކުވާއަކީ، މަގާމުގެ ނިސްބަތުން ބަލާއިރު، ބިދޭސީންނާއި ދިވެހިންނާ ދެމެދު، ބައެއް ރިޒޯޓްތަކުގައި މުސާރައިގެ ތަފާތުކުރުން ގެންގުޅުން. އަނެއްކަމަކީ، ފަތުވެރިކަމުގެ މަތީ ވަޒީފާތައް، ދިވެހީންނަށް ލިބުން މަދުވުން،"
ރައީސް ސޯލިހު

ރައީސް ވިދާޅުވީ ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރިޔަސް، އެންމެންގެވެސް ކަންބޮޑުވުން މި އުފެދެނީ، ޖީބަށް ވަންނަ މިންވަރާ ގުޅިގެން ކަމަށެވެ. އަދި ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ޖަމިއްޔާއިން މި އަހަރަށް ކަނޑައެޅި ޝިއާރު ވެސް އަމާޒުކޮށްފައިވަނީ، މި ދެންނެވި ކަންބޮޑުވުންތައް ހައްލުކުރުމަށް ވިސްނައިގެން ކަމަށެވެ.

މިއަހަރުގެ ޝިއާރަކީ "ފަތުރުވެރިކަމާއި ވަޒީފާތައް: ބާއްޖަވެރި ކުރިމަގެއް އެންމެންނަށް" އެވެ.