މިވަގުތަށް މުހިންމީ، ބަޔަކު ކުށްވެރިކޮށް ޖޫރިމަނާ ކުރުމެއް ނޫން ކަމަށާއި، ދެވެން އޮތް ލުޔެއް ދީގެންވިޔަސް، ވީހާ އަވަހަކަށް ޓުއަރިޒަމަށް ދޫކޮށްފައިވާ ރަށްތައް ހުޅުވޭނެގޮތްވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ މާސްޓާ ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޖޫރިމަނާ ނުކޮށް ޓުއަރިޒަމަށް ދޫކޮށްފައިވާ ރަށްތައް އަވަހަށް ނިންމުން މާ މުހިންމު ކަމަށެވެ. އަދި ފަތުރުވެރިކަން ކުރިއެރުވޭނީ، މި ސިނާއާތުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނަށް، މިހާރު ދިމާވާ ދަތިތައް ހައްލުކޮށްދީ، ލުއި ގޮތްތައް ހޯދައިދީގެން ކަމަށެވެ.

"އަޅުގަނޑުގެ އަމާޒަކީ ސަރުކާރާއި، ފަތުރުވެރި ވިޔަފާރިވެރިން ގުޅިގެން، މިކަންކަން ހައްލުކޮށް މި ސިނާއަތު ކުރިއެރުވުން،"
ރައީސް ސޯލިހު

ރައީސް ވިދާޅުވީ ސަރުކާރަށް މިވީ ކުރު މުއްދަތުގެ ތެރޭގައި، ފަތުރުވެރިކަމަށް ހެޔޮ ބަދަލުތަކެއް އައި ފަދައިން، ރައްޔިތުންނަށް ވެސް ވަރަށްބޮޑު ކުރިއެރުންތަކެއް ލިބިއްޖެ ކަމަށެވެ. އަދި އެންމެބޮޑު ކުރިއެރުމަކީ، އެއްވެސް ރައްޔިތެއްގެ ހައްގެއް، ސަރުކާރުން ނިގުޅައިނުގަންނާނެ ކަމުގެ ޔަގީންކަން ލިބުން ކަމަށާއި، މިއަދު މި އިހުސާސްކުރާ ހަމަޖެހުމާއި އަމާންކަމުގެ ސިއްރަކީ އެއީ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު ފެށުނު ފަހުން، ދައުލަތުގެ މާލީ ހިސާބުތައް، މަހަކު އެއްފަހަރު އާންމު ކުރަމުން ދާއިރު، ދައުލަތަށް ލިބޭ އާމްދަނީއާއި، ކުރެވޭ ހަރަދުތައް، ރައްޔިތުންނަށް މިހާރު ދާނީ އޮޅުންފިލަމުން ކަމަށެވެ. އަދި ސަރުކާރުން ހިންގާ މަޝްރޫއުތައް، ރައްޔިތުންނަށް ހާމަވެ، ހެޔޮ ވެރިކަމެއްގެ އިހުސާސް މިހާރު ކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ދައުލަތް ހިންގުމާ ހަވާލުވިއިރު، ފަތުރުވެރިކަމުން ދައުލަތަށް ލިބުނު ފައިސާތައް، ވަކި ބަޔަކު ދިޔައީ ނާޖާއިޒު ގޮތުގައި ބޭނުންކުރަމުން ކަމަށެވެ. އަދި ފަތުރުވެރިކަމަށް އިންވެސްޓް ކުރި އަނެއްބަޔަކު ތިބީ، ސަރުކާރުން ކުރި ޖޫރިމަނާތަކާހެދި ދަރަނިވެރިވެ، ގޮތް ހުސްވެފައި ކަމަށާއި، ރިޒޯޓް ހަދަން ދޫކުރި 70 ވަރަކަށް ރަށް، ނުނިމި އޮންނަތާ އެތައް އަހަރެއް ވެއްޖެކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް މި ބުނަނީ، މުޖްތަމައުގެ ތިޔާގިކަން އިތުރުވެގެންދާނީ، ވަކިވަކި ފަރުދުންގެ ޖީބަށް އެނގުން ވެގެންނޭ. އާއިލާތަކަށް އުފާވެރިކަން ލިބޭނީ، ފަތުރުވެރި މުވައްޒަފުންނަށް ލިބޭ އެއްޗެއް އިތުރުކުރެވިގެންނޭ. އެހެންވީމާ، މި ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތުގެ ނާރެހަކީ، ސީދާ ރައްޔިތު މީހާގެ ޖީބު،"
ރައީސް ސޯލިހު

ރައީސް ވިދާޅުވީ ރާއްޖޭގައި މަދުން ނަމަވެސް، ސަގާފީ އަދި އާސާރީ ބިނާތައް އެބަހުރި ކަމަށެވެ. އަދި ދިވެހީންގެ ސަގާފީ އެތައް ކުޅިވަރުތަކެއް އެބަހުރި ކަަމަށާ، ދިވެހީންގެ ފަންނީ ހުނަރުތަކާއި، ހާއްސަ މަސައްކަތްތައް އެބަހުރި ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތާ ލާމެހިގެންދާނެ ގޮތަކަށް، އެކަންކަން ދިރުވައި އާލާކުރެވިއްޖެނަމަ، ފަތުރުވެރިކަމުގެ ސިނާއަތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، ރައްޔިތުން ބާރުވެރިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުޅި ރާއްޖެއަށް ބަލާއިރު، ފަތުރުވެރިކަމުގައި ވެސް، ރާއްޖޭގެ ބޭނުންކުރެވޭ ބަޔަށްވުރެ، ނުކުރެވޭ ބައި އަދިވެސް މާ ބޮޑު ކަމަށެވެ. އަދި ރާއްޖޭގެ ކަނޑޫފާތަކާއި، ކުޅިތަކާއި ޗަސްބިންފަދަ ތަންތަނަކީ، މި ރާއްޖޭގެ ގުދުރަތީ ތަރިކަ ކަމަށާ، އެފަދަ ތަންތަން ސަރުކާރުން ހިމާޔަތް ކުރާނީ، އެތަންތަނުން ލިބެން އޮތް އެންމެ ބޮޑު މަންފާއެއް ވެސް ލިބޭނެގޮތަށް ބަލައިގެން ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި، ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއިންވެސް، 35000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށެވެ. ނަމަވެސް އެ ވަޒީފާތަކުން ދިވެހިންނަށް މަންފާއެއް ކުރާނީ، އެ ވަޒީފާތަކަށް ގާބިލް ދިވެހިންތަކެއް ތަމްރީނުކޮށް، މި ސިނާއަތަށް އަހުލުވެރި ކުރެވިގެން ކަމަށެވެ. އަދި އެއީ ފަތުރުވެރިކަމާ ގުޅޭ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.