މަޝްހޫރު ކޮމްޕިއުޓާ ގޭމް "ފޯޓްނައިޓް"ގެ ދުނިޔޭގެ ޗެމްޕިއަންކަން، އުމުރުން އެންމެ 16 އަހަރުގެ ފިރިހެން ކުއްޖަކު ހޯދައިފިއެވެ.

މި ޝަރަފާއެކު، ކައީލް ގާޒްޑީފް ވަނީ 3 މިލިއަން ޑޮލަރުގެ އެވޯޑެއްވެސް ހާސިލުކޮށްފައެވެ.

މިއީ އީ-ސްޕޯޓްސްގެ ތާރީހުގައިވެސް މިހާބޮޑު ޕްރައިޒްޕޫލެއް އޮތް ފުރަތަމަ ފަހަރެވެ. އެގޮތުން މޮޅުވި ހުރިހާ ކުޅުންތެރިންގެ މެދުގައި 30 މިލިއަން ޑޮލަރު ވަނީ ބަހާފައެވެ.

އެމެރިކާއަށް ނިސްބަތްވާ ކައީލް، "ފޯޓްނައިޓް" ވާލްޑް ޗެމްޕިއަންކަން ހޯދީ ޔޫއެސް އޯޕަން ޓެނިސް ޓޯނަމަންޓްވެސް ކުޅޭ ނިއުޔޯކްގެ ސްޓޭޑިއަމްގައި ކުރިއަށްދިޔަ ސޯލޯ އިވެންޓްގައެވެ.

ދުނިޔޭގެ ތައްޓަށް ކުޅުނު ފޯޓްނައިޓް ފިނާލޭގައި 100 ކުޅުންތެރިން ބައިވެރިވިއެވެ. މީގެ ތެރޭގައި ދުނިޔޭގެ 70 ގައުމެއްގެ ބައިވެރިން ހިމެނެއެވެ.

"ފޯޓްނައިޓް'އަކީ ދިވެހިރާއްޖޭގައިވެސް ކުޑަކުދިންނާ، ފުރާވަރު އުމުރުގެ ކުދިންނާ ޒުވާނުންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ގޭމެކެވެ.

އީސްޕޯޓްސްއަކީ އަދުގެ ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ބިލިއަން ޑޮލަރުގެ ސިނާއަތެކެވެ.