ސައުދީގެ ޝާހީ އާއިލާގެ ބާނީގެ 10 ވަނަ ދަރިކަލުން އަދި މިވަގުތު ރަސްކަމުގައި ހުންނެވި ސަލްމާން ބިން ޢަދުލްޢަޒީޒު އަލް ސައުދުގެ ދޮށީ ބޭބޭފުޅު އަމީރު ބަންދާރު ބިން ޢަބްދުލްޢަޒީޒު އަލް ސައުދު އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 96 އަހަރުގައި އަވަހާރަވި ބަންދާރު ބިން ޢަބްދުލްޢަޒީޒު އަލް ސައުދަކީ، ސައުދީގެ ކުރީގެ ރަސްގެފާނު ޢަބްދުލްޢަޒީޒު އަލް ސައުދުގެ ދަރިކަލުންތަކުންގެ ތެރެއިން ދުނިޔޭގައި އެންމެ ފަހުން ހުންނެވި އެންމެ ދޮށީ ދަރިކަލުންނެވެ.

ބަންދާރު ބިން ޢަބްދުލްޢަޒީޒު އަލް ސައުދަކީ ސައުދީގެ ޝާހީ އިސް މަގާމެއްގައި ހުންނެވި އަމީރެއް ނޫނެވެ. ނަމަވެސް އޭނާގެ ދަރިކަލުންގެ ތެރޭގައި، ސައުދީގެ އިސް މަގާމުތައް އަދާކުރައްވާ އަމީރުން އެބަތިއްބެވިއެވެ. އެގޮތުން ސައުދީގެ ވެރިރަށް ރިޔާދުގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަމީރު ފައިސަލް ބިން ބަންދާރު، ސައުދީ ނޭޝަނަލް ގާޑުގެ އިސްވެރިޔާ މަގާމުގައި ހުންނެވި އަމީރު ޢަބްދުﷲ ބިން ބަންދާރު އަދި ސަލްމާން ރަސްގެފާނަށް ލަފާއަރުވާ މުޝީރު ކަމުގެ މަގާމުގައި ހުންނެވި އަމީރު ޚާލިދު ބިން ބަންދާރު ފާހަގަކޮށްލެވެއެވެ.