ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް)ގެ ޕްލޭންގައި މަރާލަން ރާވާފައި އޮތީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ އެކަނި ނޫން ކަމަށާ، އެމްބީއެސްގެ ސިޔާސަތުތަށް ފާޑުކިޔަމުން ދިޔަ 30 މީހަކު މަރާލުމަށް ރާވާފައި އޮތް ކަމަށް ޚަޝޯގީގެ ގާތް އެކުވެރިއެއް ކަމަށްވާ ތުރުކީގެ އަރަބް މީޑިއާ އެސޯސިއޭޝަންގެ އިސްވެރިޔާ ތޫރާން ކިޝްލާކްޗެ ވިދާޅުވެއްޖެއެވެ.

ސައުދީ އަރަބިއްޔާއިން އޭނާ މަރާލަންޖެހޭ ވަރުގަދަ ނުރައްކަލަކަށް ޚަޝޯގީ ވީ ކީއްވެތޯ މެހްރު ނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތޫރާން ކިޝްލާކްޗެ ވިދާޅުވީ، ޚަޝޯގީއަކީ ކަނޑައެޅިގެން ސައުދީއާއި ދެކޮޅު މީހެއްކަމަށް ނުބުނެވޭނެ ކަމަށާ، އެހެނީ ސައުދީގެ މީޑިއާ ކޮންސަލްޓަންޓެއްގެ ގޮތުގައި ޚަޝޯގީ މަސައްކަތް ކޮށްފައި ވާކަމަށެވެ. ނަމަވެސް މައްސަލައަކަށްވީ އެމްބީއެސްގެ ސިޔާސަތުތަކަށް ޚަޝޯގީ ފާޑުކިއުންކަމަށާ، އެގޮތުން އެ ސިޔާސަތުތަކަކީ ސަރަހައްދީ ހަމަޖެހުން ނަގާލާ ފަދަ ސިޔާސަތުތަކެއް ކަމުގައި ބުނެ، ޚަޝޯގީ ދިޔައީ އެކަމަށް ފާޑުކިޔަމުންކަން ތޫރާން ކިޝްލާކްޗެ ވަނީ ފާހަގަ ކުރައްވާފައެވެ.

އެމްބީއެސްގެ މި ވެރިކަމާ ދެކޮޅު ހެދި 30 މީހަކު މަރާލަން އަމުރުނެރެވިފައިވާކަމަށާ، ޚަޝޯގީ މަރާލުމުގެ ކުރިން 4 މީހަކު މަރާލުމަށް އެމްބީއެސް އޯޑަރު ކުރެއްވި ކަމަށްވެސް ތޫރާން ކިޝްލާކްޗެ ވިދާޅުވިއެވެ. ނަމަވެސް ޚަޝޯގީގެ މަރުގެ މައްސަލަ ތިލަވެގެން އައުމާއެކު އަނެއް 25 މީހުން މަރާލުމަށް ކުރެއްވި އޯޑަރު މަޑުޖައްސަވާލެއްވީ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ސައުދީގެ ސިޔާސަތުތަކަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް ހުޅަނގުގެ މީޑިއާގައި ލިޔުންތައް ޝާއިއުކުރަމުންދިޔަ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޚަޝޯގީ މަރާލާފައިވަނީ ވަރިކައިވެނީގެ ލިޔުންތަކެއްގެ ކަންކަން ހަމަޖެއްސުމަށްޓަކައި، ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަތްތާ މާ ގިނައިރުތަކެއް ނުވަނީސް، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ޚަޝޯގީގެ މަރަށް ސައުދީ އަރަބިއްޔާއިން އިއުތިރާފުވި ނަމަވެސް، މިކަމުގައި އެމްބީއެސްގެ އަތެއް ވާކަމަށް ދެކެވޭ ވާހަކަތަކަށް އެގައުމުން އިންކާރު ކުރެއެވެ. ޚަޝޯގީގެ މަރުގެ މައްސަލަ ސައުދީ އަރަބިއްޔާ ނޫން ގައުމަކުން ނުވަތަ އިދާރާއަކުން ބެލުމަށްވެސް ސައުދީ އަރަބިއްޔާއިން ދެކޮޅު ހަދާއިރު، އަދާ ޖެހުނުއިރުވެސް ޚަޝޯގީގެ ހަށިގަނޑުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.