ޔަމަނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ހަނގުރާމަ ކުރަމުންދާ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ކަމަށް ބުނެ ސައުދީ އަރަބިއްޔާއާއި އެކުވެރި އަރަބި އިމާރާތް އިސްވެ އޮވެ އެކުލަވާލާފައިވާ އަސްކަރީ ކޯލިޝަން ބްލެކްލިސްޓްކޮށްފިއެވެ.

ކުޑަކުދިން މަރާ، އެކުދިންނަށް ޖިސްމާނީ އަނިޔާ ދެމުންދާ ކަމުގެ ކުށުގައި އދއިން މި ކޯލިޝަން ބްލެކްލިސްޓް ކުރި މިއީ 3 ވަނަ ފަހަރެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ތައްޔާރުކުރައްވާ، އދގެ ސަލާމަތީ މަޖިލީހަށް ހުށަހަޅުއްވާ ރިޕޯޓް ބުނާ ގޮތުގައި ސައުދީގެ ގުޅިފައިވާ އަސްކަރީ ކޯލިޝަނުން 2018 ވަނަ އަހަރު ޔަމަނަށް ދިން އެކި ހަމަލާތަކުގައި ޔަމަނުގެ 729 ކުއްޖަކު ވަނީ ޒަހަމްކޮށް، މަރާލާފައެވެ.

އދއިން އެކުލަވާލާފައިވާ ޔަމަނުގެ ތަފާސް ހިސާބުތަކުގެ ޖުމުލައަށް ބަލާއިރު 576 ކުއްޖެއްގެ ފުރާނަ ގެއްލިފައިވާއިރު، 1113 ކުއްޖަކު ވަނީ ޖިސްމާނީ ނުކުޅެދުންތެރިކަމުގެ ހާލަތަށް ވައްޓާލާފައެވެ. އެހެންކަމުން މީގެ ދެބައިކުޅަ އެއްބައި އަނިޔާ އައިސްފައިވާ ސައުދީގެ ކޯލިޝަނުގެ ފުށުންކަމަށް ރިޕޯޓްތައް ބުނެއެވެ.

އދއިން ވަނީ ހޫތީންވެސް ބްލެކްލިސްޓް ކޮށްފައެވެ. އދއިން ބުނާ ގޮތުގައި 398 ކުއްޖެއްގެ ޒަހަމްކޮށް މަރާލިކަމުގެ ޒިންމާ އުފުލަންޖެހޭނީ ހޫތީންނެވެ. ޔަމަނުގެ ސަރުކާރަށް އެއްބާރުލުންދޭ އަސްކަރިއްޔާއިން ޒިންމާ އުފުލަންޖެހޭ ކުދިންގެ އަދަދު އުޅެނީ 58 ގައެވެ.

ސައުދީ އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުވަނީ މި ރިޕޯޓަށް މައުލޫމާތު އެއްކުރި މަސްދަރުތަކުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވާފައެވެ.

ސައުދީއާއި އެކުވެރި އަރަބި އިމާރާތުގެ ގުޅިފައިވާ އަސްކަރީ ކޯލިޝަނުން ޔަމަނު ހަނގުރާމައިގެ ތެރެއަށް ވަނީ 2015 ވަނަ އަހަރުއެވެ.