މިނިވަން ދުވަހުގެ ހަރަކާތްތަކަށް މިއަދު ހަވީރު މާލޭގައި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖެއްސި އިރު ސިޓީ ކައުންސިލުން ބުނެފައިވާ ގަޑިއާ ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވާ ގަޑީގެ ސަބަބުން ފުށު އެރުންތަކެއް އަރާ، ގަޑިއާ މެދު ސުވާލު އުފެދިއްޖެއެވެ.

މިނިވަން ދުވަހުގެ ހަރަކާތްތައް މިއަދުވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން ޓްރާންސްޕޯޓުންވެސް އަދި ސިޓީ ކައުންސިލުންވެސް ވަނީ މިއަދުގެ ހަވީރުގެ ވަގުތު ފައިމަގުގައި އުޅޭ ވަގުތެއްގެ ގޮތުގައި ހަމަޖައްސާފައެވެ. ނަމަވެސް ސުވާލު އުފެދިފައިވަނީ ފައިމަގުގައި އުޅޭ ވަގުތާއި މެދުއެވެ. ސިޓީ ކައުންސިލުން ބުނެފައިވާ ވަގުތާއި ޓްރާންސްޕޯޓުން ބުނެފައިވާ ވަގުތާއި ދެމެދު ބައިގަޑިއިރުގެ ތަފާތެއް އެބަހުއްޓެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން މިއަދު ހަވީރު ފައިމަގުގައި އުޅޭ ވަގުތެއްގެ ގޮތުގައި ހަމަޖައްސައި، އެކަން އިއުލާން ކުރީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ނަމަވެސް ސިޓީ ކައުންސިލުން މިނިވަން ދުވަހުގެ ހަރަކާތްތަކަށް މިއަދު ހަވީރު ފައިމަގުގައި އުޅޭ ވަގުތު ހަމަޖައްސާފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ މިއަދު 15:30 އިން ފެށިގެން އިރުއޮއްސި 18:30 އާ ހަމައަށް ފައިމަގުގައި އުޅޭ ވަގުތުގެ ގޮތުގައި ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަށް ނިންމާފައިވަނީ ސިޓީ ކައުންސިލުގެ ކައުންސިލަރުން ބައްދަލުވުމެއް ބާއްވައި، ފާސްކުރި ގަރާރަކުންނެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން މިއަދު މެންދުރު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިއަދު ހަވީރު 16:00 އިން ފެށިގެން އިރުއޮއްސި 18:00އާ ހަމައަށް މާލޭގެ އެއްވެސް މަގެއްގައި އިންޖީނުލީ އެއްވެސް އުޅަނދެއް ނުދެއްވޭނެ ކަމަށެވެ. އެހެންކަމުން މި ގަޑިތަކާއި މެދު މިހާރު މިވަނީ ސުވާލު އުފެދިފައެވެ. މިއީ ދެ ސަރުކާރެއް ނޫނެވެ. އެއް ސަރުކާރެކެވެ. އެއް ސަރުކާރެއްގެ ދެ އިދާރާއެކެވެ. ނަމަވެސް ސަރުކާރުގެ އިދާރާތައް މިހާ "ދޯހަޅި"ވާނެ ކަމަކަށް އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރާނެއެވެ.

ދެ އިދާރާއިންވެސް ކުރަން ބޭނުންވަނީ އެއް ކަމެކެވެ. ނަމަވެސް ދެ އިދާރާއިންވެސް ބުނެފައިވާ ގަޑީގެ ސަބަބުން މިހާރު މިވަނީ ސުވާލު އުފެދިފައެވެ. މިކަމުން ދޭހަވަނީ އެއްކަމެއްގައި ކަންކަން ނިންމާއިރު ސަރުކާރުގެ އިދާރާތަކުގެ ދެމެދުގައި ގުޅުން ކުޑަކަމެވެ.