އެބޯލާ ރޯގާ ފެތުރިދާނެ ކަމުގެ ބިރައްޓަކައި ކަމަށް ބުނެ، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ ޢަރަބިއްޔާއަށް ދަތުރުކުރާ ފަރާތްތަކުން ސައުދީއަށް އެތެރެ ނުވެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ސައުދީގެ ހާރިޖީ ވުޒާރާއިން މިކަން އިއުލާން ކޮށްފައިވަނީ، ޢާންމު ސިއްހަތަށް ނުރައްކާވާ ކުށްލި ހާލަތަކަށް ކޮންގޯގެ ބައެއް ސަރަހައްދުތައް ވެއްޓިފައި ވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ބުނުމާ ގުޅިގެން، އެކަމާ ހަވާލާދީއެވެ.

ސައުދީ ހާރިޖިއްޔާއިން ބުނީ ކޮންގޯއިން ސައުދީއަށް އެތެރެވާ މީހުންނަށް އެރައިވަލް ވިސާ ދޫކުރުން ހުއްޓާލާފައި ވަނީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް އަންނަ ފަރާތްތަކުގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައެވެ.

ސައުދީގެ މި ނިންމުގެ އަސަރު ކުރީ، ކޮންގޯގެ ކިހާ ޙައްޖާޖީންނަކަށް ކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.

ސައުދީ އަރަބިއްޔާއިން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ކޮންގޯގައި ފެތުރެމުންދާ އެބޯލާ ރޯގާގެ ސަބަބުން އެއްވެސް ގައުމެއްގެ ސަރަހައްދީ ބޯޑަރު ކޮންގޯގެ ރައްޔިތުންނަށް ބަންދުކޮށް، ހުރަސް އަޅަންޖެހޭ ދަރަޖައަށް ހާލަތު ގޯސް ނުވާ ކަމަށްވެސް ޑަބްލިއު.އެޗް.އޯއިން ބުނެފައި ވަނިކޮށެވެ. އަދި ކޮންގޯގައި އެބޯލާ ފެތުރެމުން ދަނީ ދުނިޔޭގެ އެހެން ގައުމުތަކުން ހާސްވެގެން އުޅެންވީ ދަރަޖައަކަށް ނޫންކަމަށް ޑަބްލިއު.އެޗް.އޯއިއިން ވަނީ ބުނެފައެވެ.

ކަންމިހެން އޮތް ނަމަވެސް، ސައުދީ އަރަބިއްޔާއިން ވަނީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއްކޮށް، އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ބުނެފައެވެ.