ލީޑިން ޓީޗަރުންގެ ޒިންމާ ބަދަލުކުރުމުގެ އުސޫލު އެކުލަވާލި ނަމަވެސް އެއްވެސް ޓީޗަރެއްގެ ވަޒީފާ ގެއްލިގެން ނުދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ލީޑިން ޓީޗަރުންނާ ބެހޭ އުސޫލަކީ، ލީޑިން ޓީޗަރު ކަމަކީ 2 އަހަރުގެ ޓެނުއާޝިޕެއްގެ ގޮތުގައި ކަނޑައަޅައި، ހުރިހާ ސުކޫލެއްގައިވެސް އެއް ހަމައެއްގައި އަމަލުކުރުމަށް އެކުލަވާލި އުސޫލެއް ކަަމަށެެ. އަދި ލީޑިން ޓީޗަރު ކަމަކީ މީގެ ކުރިންވެސް މަގާމެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ބުނެފައެވެ. އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ ލީޑިން ޓީޗަރު ކަމަކީ ވަކި އުސޫލެއްގެ މަތިން ޓީޗަރުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތު ތަކެއް ކަމަށެވެ. އެހެން ކަމުން އަލަށް އަމަލު ކުރެވޭ އުސޫލުގެ ދަށުން އެއްވެސް ލީޑިން ޓީޗަރަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިހަރު އަލަށް އަމަލުކުރަން ފަށާ އުސޫލުގެ ދަށުން، މިހާރު ތިބި ހުރިހާ ލީޑިން ޓީޗަރުން، އެ ޓީޗަރަކަށް ހާއްސަވެފައިވާ ކިޔަވައިދިނުމުގެ ދާއިރާއިން ސިވިލް ސާވިސް އޮނިގަނޑުގައި އެ ޓީޗަރަކު ދަރަޖަކުރެވޭ ފަންތީގައި، އެ މަގާމަށް އަންނަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ރުޖޫއަ ކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ލީޑިން ޓީޗަރުންގެ ގޮތުގައި ކަނޑައަޅާ ފަރާތްތަކާ އެ ޒިންމާތައް ހަވާލު ކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގެއި ވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ އަލަށް އަމަލު ކުރުމަށް ފަށާ އުސޫލަކީ ލީޑިން ޓީޗަރުން އިތުރަށް ޒިންމާދާރު ކުރުވުމަށް އެކުލަވާލައި ފައިވާ އުސޫލެއް ކަމަށެވެ. އަދި އަލަށް ލީޑިން ޓީޗަރުން ހޯދުމަށް ހުޅުވައި ލުމުން މިހާރުގެ ލީޑިން ޓީޗަރުންނަށް ވެސް އެމަގާމަށް ކުރިމަތިލެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ލީޑިން ޓީޗަރުންނަކީ މީގެ ކުރިންވެސް ކޮންމެ ދެއަހަރަކުން ބަދަލު ކުރަންޖެހޭ ބައެއް ނަމަވެސް އެގޮތަށް އަމަލު ކުރަމުން ނުދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އާ އުސޫލާއެކު ހުރިހާ ސުކޫލު ތަކަކުން ވެސް އަމަލު ކުރަމުން ދާނީ އެއް ގޮތަކަށް ކަމަށެވެ.