މަޝްހޫރު ފުޓުބޯޅަ ކުލަބު އާސެނަލްގެ ބައެއް ކުޅުންތެރިން އުތުރު ލަންޑަންގައި ދަތުރުކުރަމުންދިޔަ ކާރަށް އަމާޒުކޮށް ހަމަލާދީ، ތޫނު އެއްޗިހި ބޭނުންކޮށްގެން ޖިސްމާނީ ހަމަލާ ދޭން އުޅެފިއެވެ.

މިކަން ކުރި ބަޔަކު ހަމަލާ ދޭން ބޭނުންކޮށްފައިވަނީ ތޫނު ވަޅި ކަމަށް އިނގިރޭސި ޚަބަރުތައް ބުނެއެވެ.

ހެލްމެޓް އަޅައިގެން ސައިކަލުތަކެއް ދުއްވަމުންދިޔަ ބަޔަކު ވަޅިން ބިރު ދައްކާ ފޭރެން މަސައްކަތްކުރި ކާރު ދުއްވަމުން ދިޔައީ ޖަރުމަނުވިލާތުގެ ކުރީގެ ބައިނަލްއަގުވާމީ މިޑްފީލްޑާ މެސޫޓު އޮޒިލްކަމަށް ޚަބަރު ލިބެއެވެ. އެ ކާރަކީ އޭނާގެ މާސިޑީޒް ކާރު ކަމަށް ޚަބަރު ލިބެއެވެ.

ދައުރުވަމުންދާ ބައެއް މަންޒަރުތަކަށް ބަލާއިރު ކާރުގައި އިން އިތުރު ކުޅުންތެރިއަކު ވަނީ ހަމަލާދޭން އުޅުނު މީހުންނާ ކުރިމަތިވެސްލާފައެވެ.

ކުޅުންތެރިންގެ ސަލާމަތަށް އިތުރަށް އައީ ހާދިސާ ހިނގި ސަރަހައްދުގައި ހިންގަމުންދިޔަ ރެސްޓޯރަންޓެއްގައި މަސައްކަތްކުރަން އުޅުނު މީހުން ކަމަށް މައުލޫމާތު ލިބެއެވެ. މި ރެސްޓޯރަންޓަކީ ތުރުކީވިލާތުގެ ކެއުންތަކަށް ހާއްސް ރެސްޓޯރަންޓެކެވެ.

އަނެއްކާވެސް އޮޒިލްއާއި ތުރުކީވިލާތުގެ ގުޅުންތަކުގެ ޗޭނަށް ބޮޅެއް އިތުރުވީއެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނީ އޮޒިލް ކާރު ދުއްވަމުންދިޔައީ "މަރުން ސަލާމަތްވާން" ދުއްވާމީހަކު ދުއްވާ ފަދަ ގޮތަކަށް ކަމަށާ، އޭނާ އިނީ އިންތިހާއަށް ނުތަނަވަސްވެފައި ކަމަށެވެ.