މި ޖުލައި މަހުގެ ކުރީކޮޅު އީރާނުން ހިފެހެއްޓި އެމްޓީ ރިއާހް ނަމަކަށް ކިއާ ކަނޑު ބޯޓުގައި ތިބި އިންޑިއާގެ 12 ފަޅުވެރިންގެ ތެރެއިން 9 މީހަކު މިނިވަންކޮށްފިއެވެ.

ނަމަވެސް އީރާނުގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި އިންޑިއާގެ 21 ފަޅުވެރިއަކު އަދިވެސް އެބަތިއްބެވެ. އެއީ އެމްޓީ ރިއާހް އިން ބާކީ ތިބި 3 ފަޅުވެރިންގެ އިތުރުން، ދާދި ފަހުން ހޮރުމޫޒު ކަނޑުއޮޅި ސަރަހައްދުން ހިފެހެއްޓި ސްޓެނާ އިމްޕޭރޯގައި ތިބި 18 ފަޅުވެރިންނެވެ.

ސްޓެނާ އިމްޕޭރޯގައި ތިބި 18 ފަޅުވެރިންނަށް ބުރާސްފަތި ދުވަހު ކޮންސިއުލާ ހިދުމަތް ފޯރުކޮށްދެވިފައިވާކަމަށް ޚަބަރު ލިބެއެވެ.

މި ދުވަސްވަރަކީ އީރާނު ހިމެނޭ ގަލްފް ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ހުޅަނގުގެ ބޯޓު ފަހަރަށް ބޮޑެތި ގޮންޖެހުންތަކެއް އީރާނުން ކުރިމަތިކުރަމުންދާ ދުވަސްވަރެކެވެ. އީރާނުން މިކަން ކުރަނީ ޖިބްރާލްޓާ ކައިރިން ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރެއްގައި އީރާނުގެ އުފެއްދުންތަކެއް ހުރި ކަމަށް ބުނެ އެ އުޅަނދު ހިފެހެއްޓިފަހުން އެކަމުގެ ބަދަލު ހިފުމުގެ ރޫހުގައި ކަމަށް މުރާސިލުން ސިފަކުރެއެވެ.