މިއަދަކީ އިނގިރޭސީންގެ ހިމާޔަތުން ފުރިހަމަ މިނިވަންކަމެއް ލިބި ސިޔާސީ ގޮތުން ރާއްޖެއަށް މިނިވަންކަން ލިބުނުތާ 54 އަހަރު ފުރޭ މިނިވަން ދުވަހެވެ.

މިނިވަން ދުވަސް ނުވަތަ ޖުލައި 26 ވަނަ ދުވަސް ކޮންމެ އަހަރަކު ފާހަގަ ކުރަނީ މި ސަބަބަށްޓަކައެވެ. އިނގިރޭސިވިލާތްގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގޮސްފައިވަނީ ޑިސެމްބަރު 16, 1887 ވަނަ އަހަރު ދިވެހިރާއްޖޭގެ އޭރުގެ ރަދުން އައްސުލްތާން މުހައްމަދު މުއީނުއްދީން ދެވަނަ އާއި އިނގިރޭސީންގެ އިއްޒަތްތެރި ކްއީން, ވިކްޓޯރިއާގެ ބަދަލުގައި ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރު ސާ އޭ.އެޗް.ގޯޑްން އާއި ދެމެދު އާދެ، ދެގައުމުގެ ދެމެދުގައި ކުރެވުނު މުއާހަދާއެއްގެ ދަށުންނެވެ.

އެމުއާހަދާގައިވާ ގޮތުން ރާއްޖޭގެ ހާރިޖީ ކަންތައްތައް ހިންގާނީ އިނގިރޭސި ދައުލަތް މެދުވެރިކޮށްގެންނެވެ. ރާއްޖެއަކީ އިނގިރޭސިންގެ ހިމާޔަތް ލިބިގެންވާ ގައުމެކެވެ. އެއާއެކު ރާއްޖޭގެ ދާހިލީ ހުރިހާކަމެއް ހިންގުމުގެ ފުރިހަމަ އިހްތިޔާރު ރާއްޖެއަށް ލިބިގެންވެއެވެ. އަދި ދާހިލީ ކަންތައްތަކާ އިނގިރޭސިންނެއް ނުބެހޭނެއެވެ. އެހެން ކަމާއެކުވެސް ރާއްޖޭގެ ތަހުތަށް އިސްކުރެވޭ ރަސްކަލަކު އެމަގާމު ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އިނގިރޭސި ސަރުކާރަށް އެކަން އަންގައި އެ ސަރުކާރުން އެރަސްކަލެއް ގަބޫލުކުރަން ޖެހެއެވެ.

އަދި އޭރުވެސް އިނގިރޭސި ދައުލަތަށް ރާއްޖެއިން ފޮނުވާ ޖިޒީއެއް ކޮންމެ އަހަރަކު ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރަށް ފޮނުވަމުން ގެންދެއެވެ. މިހެން ކަން އޮތް ނަމަވެސް، ޖުލައި 26, 1965 ވަނަ އަހަރު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު ކުރެވުނު އެގްރީމެންޓަކުން ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ދައުލަތެއް ކަމަށް އިނގިރޭސި ސަރުކާރު ގަބޫލު ކުރީއެވެ.

އަދި ސިޔާސީ ގޮތުންނާއި، އެހެނިހެން ވެސް ގޮތްގޮތުން ހުރިހާ ގައުމަކާ އަދި އަދި ބައިނަލްއަގުވާމީ ޖަމާއަތްތަކަ ސީދާ އަމިއްލައަށް ގުޅުން ހިންގުމުގެ ހައްގު ދިވެހިރާއްޖެއަށް ލިބުނީއެވެ. މި ތާރީހީ އެގްރީމެންޓްގައި ސޮއިކުރެވުނީ އެދުވަހު ހެނދުނު މާލޭ ގަޑިން 10 ޖެހިއިރު ކޮޅުނބުގައި ހުންނަ އިނގިރޭސި ދައުލަތު ހައިކޮމިޝަންގައެވެ.

ރާއްޖޭގެ ފަރާތުން މިއެގްރީމެންޓްގައި ސޮއިކުރެއްވީ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން މިއެގްރީމެންޓްގައި ސޮއިކުރެއްވީ ސްރީލަންކާގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނާ ސާ މައިކަލް ވޯކާއެވެ.

ރާއްޖޭގެ ތާރީހުން ފެންނަން އޮތީ ފެށުނީއްސުރެ ރާއްޖެއަކީ މިނިވަން، ގައުމެއް ކަމުގައެވެ. ރާއްޖޭގެ އަމިއްލަވެރިކަމާއި ސިޔާދަތު ގެއްލިގެން ގޮސްފައި އޮތީ، އެންމެ ދެ ފަހަރުއެވެ. އެއީ މީލާދީން 1558 އިން 1573 އަށް ޕޯޗުގީޒުން ރާއްޖޭގެ މައްޗަށް އަތްގަދަކޮށްވެރިކަން ހިންގި ދުވަސްވަރާއި، އޭގެފަހުން ހިޖުރައިން 1166 ގައި ހޮޅިން ރާއްޖެ ހިފައި އެމީހުންނަށް މި ގައުމުގައި ތިބެވުނު ތިން މަހާއި ވިހި ދުވަހުއެވެ.

މިނިވަންކަން ގެއްލިގެން ދިޔަ ކޮންމެ ފަހަރަކުމެ، އަޅުގަނޑުމެންނަށް އަލުން މިނިވަންކަން ހޯދިފައިވަނީ، ކާބަފައިންގެ ތެރެއިން އެތައް ބަޔަކު ކުރި މިންނެތް މަސައްކަތުންނެވެ.

ދިވެހިން މިނިވަން ކަމަށް ބުނެ ދައްކާ ވަހަކައަކީ ފުންކޮށް މިއަދު ވިސްނާލަން ޖެހިފައިވާ ވާހަކަތަކެވެ. ހަމަ ހަގީގަތުގައި ވެސް ދިވެހިން މިނިވަން ހެއްޔެވެ. ދިވެހިން ސިޔާސީ ގޮތުން މިނިވަންވުމަށް ފަހުގައި މިއަދަށް 54 އަހަރު ވީއެވެ. އެހެން ނަމަވެސް ސިޔާސީ ގޮތުން މިނިވަންވުމުން ފުރިހަމަ މިނިވަންކަން ލިބުނީ ހެއްޔެވެ؟ ދިވެހިންނަކީ ހަގީގީ މިނިވަންކަން ލިބިފައިވާ ބަޔެއް ހެއްޔެވެ؟ އެހެން ގައުމެއްގެ ވެރިކަން މި ގައުމުގެ ރައްޔިތުންގެ މައްޗަށް ނުކުރާތީވެ، އަހަރެމެން ދިވެހިންނަކީ މިނިވަން ބަޔެއް ހެއްޔެވެ؟

މިއަދު ދިވެހިންގެ މެދުގައި ސުލްހަ މަސަލަސްކަމެއް ނެތެވެ. ކުށްތަކުގެ ބޮޑު ހާއްޔެއްގައި ދިވެހިން ހައްޔަރުވެއްޖެއެވެ. ސުލްހައެއް ނެތް ބަޔެއްގެ މެދުގައި އޮންނާނީ ކޮން މިނިވަންކަމެއްތޯ؟

މިނިވަންކަން ލިބުނަސް ސިޔާސީ ގޮތުން ކޯޅޭ ކޯޅުންތަކުގެ ތެރެއިން ދިވެހިން އަދިވެސް މިނިވަނެއް ނޫނެވެ. ދިވެހިންގެ މެދުގައި އެއްބައިވަންތަކަން އޮތޭ ބުންޏަސް އެކަމެއް މިއަދު ފެންނަނީ މަދުންނެވެ.