މާފުށީ ޖަލުގައި ތިބި ބައެއް ގައިދީންނަށް އަނިޔާކުރި މައްސަލައިގައި ސަސްޕެންޑް ކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ ކޮމާންޑަރުގެ ސަސްޕެންޝަން އުވާލާފިއެވެ.

މިއަދު ކަރެކްޝަން ސާވިސަސް އިން ނެރުނު ނޫސް ބަޔާނުގައި ބުނީ، މިދިޔަ ޖޫން މަހު 20 ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން "ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީ" އިން އެކުލަވާލާގައިވާ ދިރާސާ ރިޕޯޓުގައި ހާލަތާ އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުން ކޮށްފައިވާކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި މިކަމާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމަށް އެ މައްސަލަ ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ސާވިސްއިން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން ސަސްޕެންޑް ކުރި އޮޕަރޭޝަން ކޮމާންޑަރުގެ ސަސްޕެންޝަން އުވާލީ، ޑިސިޕްލިނަރީ ބޯޑުން އޭނާގެ ސަސްޕެންޝަން ބޯޑުން ނިންމާފައިވާތީ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ މަހު 20 ވަނަ ދުވަހު ޖަލުގައި ހިނގި ހާދިސާއާ ގުޅިގެން، ކުރަން ޖެހޭ ތަހުގީގުތައް ނިމެންދެނެވެ.

މިދިޔަ މަހު 20 ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމުގައި ކަރެކްޝަންސްގެ އޮފިސަރަކަށް އަނިޔާވެފައިވާއިރު، ހަތް ގައިދީއަކަށް ވަނީ އަނިޔާވެފައެވެ. އަދި މި ހަމަނުޖެހުމުގައި ގައިދީންގެ ގައިގައި މުގުރިބުރިން ތަޅައި، ޖިންސީ ގުނަވަންތަކަށް ޕެޕާ ސްޕްރޭ ޖެހުންފަދަ އަނިޔާވެރި އަމަލު ހިންގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން، ކަރެކްޝަންސް އިން ބުނީ އެ ސާވިސްގެ އަމާޒަކީ، އެ ސާވިސްގެ އޮފިސަރުންނާއި، މުވައްޒަފުންނަކީ ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާބަޔަކަށް ހެދުމަށެވެ. އަދި ކުށުގެ ވެށިން މީހުން ސަލާމަތްކޮށް، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި މުޖުތަމައަށް މީހުން ނެރުމުގެ ޒިންމާ ފުރިހަމައަށް އުފުލާ ބަޔަކަށް ހެދުމަށް ކަމަށް ވެސް ކަރެކްޝަންސް އިން ބުނެއެވެ. އެގޮތުން، މިކަން ކުރުމަށްޓަކައި ބޭނުންވާ ތައުލީމާއި ތަމްރީނާއި ހުނަރު ހޯދާ ދީގެން އެކަމަށް ގާބިލު ޒިންމާދާރު އޮފިސަރުން ބިނާކުރުމުގެ މަސައްކަތް އެ ސާވިސްއިން ކުރަމުން ގެންދާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.