ފ. ފީއަލިން ބަޔަކު މީހުން ފުލުހުންނަށް އިންޒާރު ދިނުމާ ގުޅިގެން އެރަށުން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލު މައުލޫމާތު ދޭގޮތުގައި ފީއަލީގެ އިޖްތިމާއީ މިންގަނޑާ ހިލާފުވެ އަދި ރަށުގެ މަސްލަހަތު ނަގާލަން ބަޔަކު މަސައްކަތް ކުރުމުން، އެކަން ހުއްޓުވުމަށް ފުލުހުން ކުރި މަސައްކަތުގައި ފުލުހުންގެ ވާޖިބަށް ހުރަސް އަޅާ، ފުލުހުންނަށް އިންޒާރު ދިން ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހަތަރު މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުންގެ މީޑީއާ އޮފިޝަލު މައުލޫމާތު ދެއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ 40 އަހަރާއި، 42 އަހަރާއި، 43 އަހަރު އަދި 46 އަހަރުގެ މީހުން ކަމަށެވެ. އަދި މި މީހުން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި ވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ފީއަލީ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް ވިދާޅުވީ، އެ ހާދިސާ ހިނގީ ބޮޑު އީދު ދުވަހު ސަގާފީ ކުޅިވަރުތައް އެރަށުގެ ބަނދަރު ސަރަހައްދުގައި ބޭއްވުމާ މެދު ރަށުގެ ޒުވާނުންގެ ޖަމިއްޔާއާއެކު އުފެދުނު ދެބަސްވުންތަކުގެ ތެރެއިން ކަމަށެވެ. އަދި އެ މައްސަލައިގައި ފީއަލީ ކައުންސިލުގެ މެމްބަރުންނަށް މަރުގެ އިންޒާރު ދީފައި ވާކަމަށްވެސް އޭނާ ވިދާޅުވި އެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.