މިއަހަރުގެ އޭޕްރިލް މަހު ރިލީޒް ކުރަން ހަމަޖެހިފައި އޮތް ސަމްސަންގެ ކުންފުނީގެ ފަތްޖަހާލެވޭ ސްމާޓްފޯނުތަކަށް ދިމާވި މައްސަލަތައް ހައްލުކޮށް، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ފޯނުތައް ބާޒާރަށް ނެރެވޭ ވަރު ވާނެ ކަމަށް ސަމްސަންގް ކުންފުނިން ބުނެފިއެވެ.

މާކެޓަށް ފުރަތަމަ ނެރޭ ފަތްޖެހޭ ސްމާޓްފޯނުގެ ގޮތުގައި ތައާރަފުކުރި ސަމްސަންގް ގެލެކްސީ ފޯލްޑް އާންމުކޮށް ބާޒާރަށް ނެރުން ލަސްކުރަންޖެހުނީ ފޯނުގެ ފުރަތަމަ ރިވިއުތަކަށް ބެލުމަށްފަހުގައެވެ. އެގޮތުން ސްކްރީން ހަލާކުވެގެން އުފުލި ޝަކުވާތައް ފުދޭ ވަރަކަށް ގިނައެވެ.

ސަމްސަންގް ގެލެކްސީ ފޯލްޑްގެ ފޯނުތަކަށް ދިމާވި އެންމެ ބޮޑު އެއް މަސަލައަކީ އެ ފޯނުގެ ރައްކާތެރި ކަމަށް ބޭނުންކޮށްފައިވާ ސްކްރީން ލޭޔަރެއް ނައްޓާލުމުގެ ސަބަބުން ދިމާވި މަސައްލަތަކެކެވެ. އެހެންކަމުން ފަހުން ގެނައި އިސްލާހާއެކު މި ލޭޔަރަކީ ނައްޓާލައިގެން ނުވާނެ ލޭޔަރެއް ކަން ސާފުވާނެ ގޮތަށް އަންގައިދެވިފައިވާނެކަމަށް ސަމްސަންގް ކުންފުނިން ބުނެއެވެ.

ގާތްގަނޑަކަށް 2000 ޑޮލަރުގެ އަގުހުރި ސަމްސަންގް ގެލެކްސީ ފޯލްޑް ވިއްކަން ފަށާނީ ވަކި ބާޒާރުތަކެއްގައެވެ.