ދެ ފަނޑިޔާރަކާއި މެޖިސްޓްރޭޓެއްގެ މައްސަލަ ބަލަން ކޮމެޓީތަކެއް އެކުލަވާލައިފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.
ޖޭއެސްސީ އިން ބުނީ ކޮމެޓީތައް އެކުލަވާލައިފައި ވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ 48 ވަނަ ބައްދަލުވުމުގައި ކަމަށެވެ. ޖޭއެސްސީ އިން ބުނީ އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން ބެލުމަށް ހަމަޖެހިފައި ވަނީ ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އަލީއާ ގުޅޭ މައްސަލައަކާއި، ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް، އަހުމަދު ޝަރީފާ ގުޅޭ މައްސަލައެއްގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީއާ ގުޅޭ މައްސަލައެއް ކަމަށެވެ.
އެގޮތުން ގާޒީ އަބްދުﷲ އަލީއާ ގުޅިގެން ހުށަހެޅިފައިވާ މައްސަލަ ބެލުމަށް އެކުލަވާލި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އެ ކޮމިޝަނުގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި ކޮމިޝަނުގެ މެންބަރު އަބްދުލްޣަފޫރު އިބްރާހިމް އަދި ކޮމިޝނުގެ މެންބަރު އިބްރާހިމް ރިފްއަތު ކަމަށް ޖޭއެސްސީ އިން ބުނެއެވެ.
ގާޒީ އަހުމަދު ޝަރީފް އާއި ބެހޭ މައްސަލަ ބެލުމަށް އެކުލަވާލި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ، މަސްތޫރު ހުސްނީ އާއި، އަބްދުލްޣަފޫރު އިބްރާހިމް އަދި ޖޭއެސްސީގެ މެންބަރު މުހައްމަދު އީސާފުޅު ކަމަށް ޖޭއެސްސީ އިން މައުލޫމާތުދެއެވެ.
މީގެ އިތުރުން ފަނޑިޔާރު ހަސަން އަލީއާ ގުޅޭ މައްސަލަ ބެލުމަށް ޖޭއެސްސީ އިން ކަނޑައަޅާފައި ވަނީ މަސްތޫރު ހުސްނީއާއި، މުހައްމަދު އީސާފުޅާއި، އަދި އިބްރާހިމް ރިފްއަތު ކަމަށް ޖޭއެސްސީއިން ބުނެއެވެ.
ނަމަވެސް މި 3 ބޭފުޅުންނާ ގުޅޭގޮތުން ބަލަނީ ކޮން މައްސަލަތަކެއް ކަމެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.