އާދަޔާ ހިލާފު ޖަނަވާރުތަކުގެ ވާހަކައަކީ ދޭތެރެ ދޭތެރެއިން މީޑިއާއަށް ފެންމަތިވާ ވާހަކަތަކެއް ނަމަވެސް، މިއީ "ކޭ-ޕޮޕް" ސެލެބްރިޓީއެއްގެ ދަރަޖަ ލިބިފައިވާ ބަކަރިއެއްގެ ވާހަކަ އަޑުއިވުނު ފުރަތަމަ ފަހަރެވެ.

މިއީ މެލޭޝިއާގެ މުޙައްމަދު ލައިވްސްޓޮކް ފާމްގައި އޮންނަ ބަކަރިއެކެވެ. މި ބަކަރީގެ އުމުރަކީ އަދި އެންމެ 11 މަހެވެ. ސޯޝަލް މީޑިއާގައި މި ބަކަރީގެ މަގުބޫލުކަން ގުގުމާލީ، މި ބަކަރި ގެންގުޅޭ މީހާ، ފޭސްބުކްގައި ހިއްސާކުރި ފޮޓޯއެއްގެ ސަބަބުންނެވެ.

https://www.facebook.com/BeritaTV9/videos/386059718928543/

ރާމޯސްގެ ނަން ދީފައިވާ މި ބަކަރި ބަލަހައްޓަނީ އުމުރުން 21 އަހަރުގެ އަޙުމަދު ފާޟިރު ނަމަކަށް ކިއާ ޒުވާނެކެވެ. ފާޟިރު ބުނި ގޮތުގައި ރާމޯސްއަކީ ވަރަށް މޮޑެލްކުރާ ހިތްވާ ބަކަރިއެކެވެ. ކެމެރާ އެއް ފެނިއްޖެނަމަ ކޮންމްވެސް "ޕޯޒް"އެއް ދޭނެކަމަށް ފާޟިރު ބުންޏެވެ. ފާޟިރު ބުނާ ގޮތުގައި މިއީ ސެލެބްރިޓީންވެސް އެކަން ކުރާ ގޮތެވެ.

ފާޟިރު ބުނާ ގޮތުގައި އޭނާ މި ބަކަރީ ގަތީ "ފުރަތަމަ ނަޒަރުން" ހިތްދަމައިގަތް ހިސާބުން، 183 ޑޮލަރަށެވެ. އޭނާ އަތުން މި ބަކަރި ގަތުމަށް ގިނަ ބަޔަކު ފައިސާ ހުށަހަޅަމުންދާކަމަށާ ނަމަވެސް އެއިން އެއްވެސް މީހަކަށް މި ބަކަރި ނުވިއްކާނެ ކަމަށްވެސް ފާޟިރު ބުނެއެވެ.

ކޭ-ޕޮޕް ސެލެބްރިޓީއެއްގެ ގޮތުގައި ގިނަ ބަޔަކު ރާމޯސްއާއި މުހާތަބު ކުރަމުން އައި ނަމަވެސް، ހަގީގީ ކޭ-ޕޮޕް ސްޓާރުންނާ ހިލާފަށް ރާމޯސްއަކީ ބަލަހައްޓަން ފަސޭހަ ސެލެބްރިޓީއެއްކަމަށް ފާޟިރު ބުނެއެވެ.