16 މީހުންނާއެކު ދަތުރުކުރަމުން ދިޔަ "ފޭރުމާ" ނަމަކަށް ކިޔާ ދޯންޏެއް ދިޔަވެގެން އެމްއެންޑީއެފް ކޯސްްޓް ގާޑުން އެހީތެރިކަން ފޯރުކޮށް ދީފިއެވެ.

އެމްއެންޑީއެފުން ބުނީ، އެ ދޯންޏަކީ ޅ. ކުރެންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ ދޯންޏެއް ކަމަށެވެ. 99 ފޫޓުގެ މި ދޯނީގައި ތިބި މީހުންގެ ތެރެއިން 9 މީހަކު ވަނީ އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ރޭ ދަންވަރު 03:45 ހާއިރު މާލެ ގެނެސްފައެވެ. ބާކީ ތިބީ ދޯނީގެ ފަޅުވެރިން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކަނޑުމަތީގައި ދިމާވާ މިފަދަ ހާދިސާތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ނެވެ. އެގޮތުން ހަމައެކަނި މިހަފްތާގައި ވެސް ކަނޑުމަތީގައި ދަތުރުކުރަމުން ދިޔަ ދެ އުޅަނދެއް ދިޔަވަމުން ދާތީ އެމްއެންޑީއެފް ކޯސްޓް ގާޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ކޯސްޓް ގާޑުން އެހީތެރިކަން ފޯރުކޮށް ދީފައި ވަނީ 14 މީހުންނާއެކު ވ. ވައްޓަރު ބޭރުން ދަތުރު ކުރަމުން ދިޔަ ބޯޓަކާއި ތ. ވަންދޫއިން ފުރައިގެން ދ. ކުޑަހުވަދޫއަށް ދަތުރުކުރި ޑިންގީ އަކަށެވެ. މީގެ އިތުރުން ފަސް މީހުންނާއެކު ތ. ވަންދޫން ފުރައިގެން ދ. ކުޑަހުވަދޫއަށް ދަތުރުކުރި ޑިންގީއެއް ދިޔަވެގެން އެމްއެންޑީއެފް ކޯސްޓް ގާޑުން ވަނީ އެހީތެރިކަން ފޯރުކޮށް ދީފަ އެވެ.