އީރާނުވެސް ހިއްސާކުރާ ތެލުގެ މުއްސަނދިކަން ލިބިފައިގާ ގަލްފް ކަނޑުގެ ސަރަހައްދު 'ހިމާޔަތްކުރާނެ" ކަމުގެ އިންޒާރު، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަގާމުން ދެން ފެނިގެންދާނެ ސިޔާސީ ޝަހްސު ކަމަށްވާ ބޮރިސް ޖޯންސަންއަށް އީރާނުން ދީފިއެވެ.

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރަށް އަމާޒުކޮށް އީރާނުން މިފަދަ އިންޒާރެއް ދީފައި މިވަނީ ތެޔޮ އުފުލާ ޓޭންކަރުތަކެއް ކަނޑުމަތިން ހިފަހައްޓަމުންދާ މައްސަލާގައި މި ދެގައުމުގެ މެދުގައި އިންތިހާއަށް ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

މޭޑިޓަރޭނިއަން ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ޓޭންކަރެއްގައި އީރާނުގެ ތެޔޮ އުފުލާކަމުގެ ތުހުމަތުގައި އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ޖުލައި 4 ވަނަ ދުވަހު ޓޭންކަރެއް ހިފެހެއްޓި އިރު، އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން މިދިޔަ ހުކުރު ދުވަހު ވަނީ، އީރާނުގެ ކޮންޓްރޯލް އޮންނަ ހޮރުމޫޒު ކަނޑުއޮޅިން ދަތުރުކުރަމުން ދިޔަ އިނގިރޭސިވިލާތުގެ ދިދަޖެހި ޓޭންކަރެއް ހިފަހައްޓާފައެވެ.

ބޮރިސް ޖޯންސަންއަށް މަރުހަބާ ވިދާޅުވަމުން ކުރެއްވި ޓްވީޓެއްގައި އީރާނުގެ ހާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވިދާޅުވީ، އީރާނުން ކުރިމަތިލުމަކަށް ދިއުމަށް ބޭނުން ނުވާކަމަށާ، ނަމަވެސް ގަލްފް ކަނޑުގެ ސަރަހައްދަކީ އީރާނުގެ ކަނޑުގެ ސަރަހައްދު ކަމަށާ، އީރާނުން އެ ސަރަހައްދު ހިމާޔަތް ކުރާނެ ކަމަށެވެ.

އީރާނު ކަނޑުގެ އަސްކަރިއްޔާގެ އިސްވެރިޔާ ރިއާ އެޑްމިރަލް ހުސައިން ޚާންޒާދީ ވިދާޅުވީ، ގަލްފު ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދާ "ދުޝްމަނުންގެ ބޯޓުފަހަރު" ޑްރޯންގެ އެހީގައި، "ވަރަށް ގާތުން" މޮނިޓާކުރެވިގެންދާނެ ކަމަށެވެ.

މިކަމުގެ ތެރެއަށް އިންޑިއާއިންވެސް ވަނީ ވަދެފައެވެ. އެގޮތުން އީރާނުގެ ބަނދަރެއްގައި މިވަގުތު ހިފަހައްޓާފައިވާ އިނގިރޭސިވިލާތުގެ ދިދަޖެހި ޓޭންކަރުގައި ތިބި އިންޑިއާގެ ފަޅުވެރިން މިނިވަން ކުރުމަށް އިންޑިއާއިން ދަނީ އީރާނުގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރަމުންނެވެ.