ހަތަރު އަހަރުވެފައިވާ ޔަމަނު ހަނގުރާމަ ހުއްޓުމަކަށް ގެނެވިދާނެ ކަމުގެ އިޝާރާތްތަކެއް ލިބިފައިވާކަމަށް އދއިން ބުނެފިއެވެ.

ޔަމަނުގެ ހަނގުރާމައަށް އަސްކަރީ އިމުގެ ތެރެއިން ހައްލެއް ލިބެން ނެތްކަމަށް ހަނގުރާމައިގެ ދެފަރާތުން ހަމަލާ ބަދަލުކުރާ ފަރާތްތަކުން މިހާރު ގަބޫލުކުރާ ކަމަށާ، ބަނދަރުމަތީ މުހިންމު ސިޓީއިން ފައުޖުތައް ބޭލުމަށްވެސް މަސައްކަތްތަކެއް ކުރިއަށް ދާކަން އދއިން ވަނީ ފާހަގަކޮށްފައެވެ.

އދއިން ޔަމަނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު މާޓީން ގްރިފިތްސް ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެމްބަރު ސްވިޑަންގައި އެކުލަވާލި ސުލްހައިގެ އެއްބަސްވުމަކީ، ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ހުރިހާ ފަރާތަކުންނާ، ބައިނަލްއަގުވާމީ މުޖުތަމައުންވެސް މިހާރު ތާއީދުކުރާ އެއްބަސްވުމެއްކަމަށެވެ.

ސުވިޓްޒަލަންޑްގެ ވެރިރަށް ޖެނީވާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގްރިފިތްސް ވިދާޅުވީ، ޔަމަނުގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެވިދާނެ ކަމުގެ ބޮޑު ފުރުސަތެއް އެބައޮތް ކަމަށް ގަބޫލުކުރައްވާކަމަށެވެ. އެގޮތުން ދެފަރާތުންވެސް ސިޔާސީ ފެންވަރުގެ ހައްލަކަށް ބޭނުންވާކަމަށާ، އިސްވެ ބަޔާންކުރެވިދިޔަ ސްޓޮކްހޯމް އެގްރީމަންޓަށްވެސް އެފަރާތްތަކުން ތާއީދުކުރަމުންދާކަމަށް ގްރިފިތްސް ވަނީ ފާހަގަކުރައްވާފައެވެ.

2014 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ޔަމަނުގައި ކުރަމުންދާ ހަނގުރާމައަކީ، ސައުދީ އަރަބިއްޔާއާއި އެކުވެރި އަރަބި އިމާރާތުގެ އެއްބާރުލުން ލިބިފައިވާ ޔަމަނުގެ މައި ސަރުކާރާ، އީރާނުގެ އެއްބާރުލުން ލިބިފައިވާ ހޫތީ ހަނގުރާމަވެރިންނާ ދެމެދު އެގައުމުގެ ވެރިކަމުގެ ދަހިވެތިކަމުގައި ކުރަމުންދާ ހަނގުރާމައެކެވެ. މި ހަނގުރާމައިގެ ސަބަބުން ޔަމަނުގައި އިންސާނީ ކާރިސާއެއް އުފެދި، އެތައް މިލިއަން ބަޔަކު ބަނޑަށް ޖެހިފައިވާއިރު، އެތައް ހާސް މީހުންނެއް ވަނީ އަސްކަރީ ހަމަލާތަކުގެ އިތުރުން ސިއްހީ އެކި ހާލަތްތަކުގައި މި ދުނިޔެއާއި ވަކިވެފައެވެ.