ސޫރިޔާގެ ދެކުނު ޕްރޮވިންސެއް ކަމަށްވާ ދަރާއަށް އަމާޒުކޮށް އިސްރާއީލުން ހަމަލާތަކެއް ދީފިކަމަށް ސޫރިޔާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ސޫރިޔާގެ ދައުލަތުގެ މީޑިއާއިން ބުނީ ހަމަލާ އަމާޒުވި ސަރަހައްދަކީ ސޫރިޔާ އަސްކަރިއްޔާގެ ޕޯސްޓުތަކެއް ހުންނަ ސަރަހައްދެއްކަމުން، މި ހަމަލާގައި މީހެއްގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ނެތް ކަމަށެވެ.

އިސްރާއީލުން ވަނީ މީގެ މަހެއްހާ ދުވަސްކުރިންވެސް ހަމަ މިސަރަހައްދަށް ހަމަލާދީފައެވެ. މި ސަރަހައްދަކީ އިސްރާއީލުން ވެރިވެގެންފައިވާ ސޫރިޔާގެ ބިމެއްކަމަށްވާ ގޯލާން ހައިޓްސްއާއި ދާދި ކައިރީގައި އޮންނަ، އިސްތިރާޖީ ގޮތުން ގޯލާން ހައިޓްސްއަށް މުހިންމު ހިސާބުގަނޑެކެވެ.

ފާއިތުވީ އަހަރުތަކަށް ބަލާއިރު އިސްރާއީލުގެ ގިނަ އުދުވާންތަކެއް ސޫރިޔާއަށް ވަނީ އަމާޒުވެފައެވެ. ބުނެވޭ ގޮތުގައި މި ހަމަލާތަކަކީ ސޫރިޔާގައި ހަނގުރާމަކުރަމުންދާ އިސްރާއީލުގެ ހަތުރުންކަމަށްވާ އީރާނުގެ އަސްކަރީ ބާރުތަކާ، ލުބްނާނުގެ ހަނގުރާމަވެރި ހިޒްބުއްލޯ ޖަމާއަތާ ދެކޮޅަށް އިސްރާއީލުން ދޭ ހަމަލާތަކެކެވެ.