ފުރަތަމަ ފަހަރަށް ހަނދުގެ ދެކުނު ތަނޑީގައި ޖެއްސުމަށް އިންޑިއާއިން ޖައްވަށް ކުރާ ތާރީހީ ދަތުރުގެ ފެށުން ކަމުގައިވި "ޗާންދްރަޔާން-2" ޖައްވީ އުޅަނދުގެ ކާމިޔާބު އުދުއްސާލުން ފާހަގަކޮށް، އިންޑިއާ ސަރުކާރަށާއި އެޤައުމުގެ ރައްޔިތުންނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.
އިންޑިއާއަށް މަރުޙަބާ ކިޔާކަން ހާމަކޮށް ދިވެހި ހާރިޖިއްޔާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ "ޗާންދްރަޔާން-2" އުދުއްސާލުމުގެ ފަހަތުގައި ތިބި އިންޑިއަން ސްޕޭސް ރިސަރޗް އޯގަނައިޒޭޝަންގެ ސައިންސްވެރިންގެ މަސައްކަތް ވެގެންދާނީ މިފަދަ ދިރާސާތަކަށް ލިބުނު އިތުރު ކުރިއެރުމަކަށް ކަމަށް ދިވެހި ރާއްޖެއިން ދެކޭ ކަމަށެވެ.
ޖައްވީ ހޯދުންތަކުގެ ރޮނގުން އިންޑިއާއިން ހޯދަމުންދާ ކާމިޔާބީތަކަކީ ޖައްވީ ދިރާސާތައް އިތުރަށް ފުޅާކޮށް، ތަރައްޤީކުރުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށާ، އެއީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރު ކުރުވާނެ ކަމަކަށްވެސް ދިވެހި ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
150 މިލިއަން ޑޮލަރުގެ އަގުހުރި މި މަޝްރޫއަކީ ހަނދުގެ ދެކުނު ތަނޑިއަށް ދަތުރުކުރާ ފުރަތަމަ ގައުމަށް ވުމުގެ ޝަރަފު ހޯދުމަށް އިންޑިއާއިން ކުރިއަށް ގެންދާ މިޝަންއެކެވެ. މި ދަތުރުގައި ހަނދުގެ ސަތަހައިގެ ދިރާސާތައް ކުރުމުގެ އިތުރުން ހަނދުގައި ފެން ހުރި މިންވަރާ، މިނަރަލް އެކުލެވޭ މިންވަރު ބަލާ، ހަނދަށް އަންނަ ބިންހެލުން ޒާތުގެ ލޮޅުންތަކާ ބެހޭ އިތުރު ތަހުލީލުތައް ކުރެވިގެން ދާނެކަމަށް ޚަބަރު ލިބެއެވެ.
މި މިޝަން ކާމިޔާބު ވެއްޖެނަމަ އިންޑިއާ ވެގެން ދާނީ ހަނދުގެ ސަތަހައިގައި ކާމިޔާބު ކަމާއެކު ޖެއްސި 4 ވަނަ ގައުމަށެވެ. މި ލިސްޓުގައި މިހާރު ހިމެނެނީ އެމެރިކާ، ޗައިނާ އަދި ކުރީގެ ސޯވިއެޓް ޔޫނިއަންއެވެ.
"ޗާންދްރަޔާން-2"ގެ މިޝަން ކާމިޔާބު ކުރުމަށް އިންޑިއާއިން ބޭނުންކުރަނީ އެގައުމުގައި މިވަގުތު އޮތް އެންމެ ވަރުގަދަ ރޮކެޓް ކަމަށްވާ ޖިއޯސިންކްރޯނަސް ސެޓެލައިޓް ލޯންޗް ވިއެކަލް މާކް ތްރީއެވެ. މިއީ ބަރުދަނުގައި 640 ޓަނު ނުވަތަ ފުރާ ބަރާކޮށްފައިވާ ބޮއިންގް 747 ޖަމްބޯޖެޓަކަށްވުރެ 1.5 ގުނަ ބަރު، އަދި 44 މީޓަރު އުސް ނުވަތަ، 14 ބުރީގެ އިމާރާތެއްހާ އުސް ރޮކެޓެކެވެ.
"ޗާންދްރަޔާން-2"ގެ ޖައްވީ އުޅަނދުގެ ބަރުދަނުގައި އެކަނިވެސް 2379 ކިލޯގްރާމް ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.
'ޗާންދްރަޔާން-2"އިން ހަނދަށް ކުރާ ދަތުރަކީ، 239000 މޭލުގެ ދިގު ދަތުރެކެވެ. ބިމުގެ ސަތަހައިން އުދުއްސާލުމަށްފަހު "ޗާންދްރަޔާން-2"އަށް ހަނދުގެ ސަތަހައިގައި ޖެއްސޭނީ 54 ދުވަސް ފަހުންނެވެ.
"ޗާންދްރަޔާން-2"ގެ ޓީމަކީ ސައިންސްވެރިންނާ އިންޖިނީރިއަނުންގެ މައްޗަށް އެކުލެވޭ 1000 މެމްބަރުންގެ ވަރުގަދަ ޓީމެކެވެ. މި ދަތުރުގެ މިޝަން ކޮންޓްރޯލްގައި ތިބޭނީ 2 އަންހެނުންކަން އިންޑިއާއިން ފަހްރުވެރިކަމާއެކު ފާހަގަކުރެއެވެ.