މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސްޓާފް އޭރިއާގެ އޮފީހުން ވައްކަން ކުރަން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރޭ 22:30 ހާއިރު ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ވެސް ފުލުހުން ބުނެއެވެ.

މިދިޔަ ހޮނިހިރު ދުވަހުވެސް އެމްޕީއެލްގެ ހެޑް އޮފީސް ފަޅާލައި ލިޔެކިއުން ތަކެއް ވަގަށް ނަގާފައި ވެއެވެ. އެ ހާދިސާގައި އެމްޕީއެލްގެ އެޗްއާރު ޑިޕާޓްމަންޓްގެ ބެލްކަނީ ތެރެއިން ކުޑަ ދޮރެއް ހަލާކު ކޮށް، އެ އިމާރާތަށް ވަނުމުގެ ތެރޭގައި ސީސީޓީވީ ކެމެރާތައް ވެސް ހަލާކު ކޮށްފައިވެ އެވެ. މިފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވަމުން ދާކަމަށް ފުލުހުން ބުނެއެވެ.