ކުރިމަތިލާންޖެހޭ ކޮންމެ ކަމެއްގައި ވެސް އެއްވެސް ފަސްޖެހުމެއް ނެތި ހަވާލު ކުރެވިފައިވާ ވާޖިބާއި މަސްއޫލިއްޔަތު އާދާކުރަން ޖެހޭކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ، މިއަހަރުގެ ޕޮލިސް މެމޯރިއަލް ޑޭ ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. އިމްރާން ވިދާޅުވީ ކޮންމެ ފަދަ ކަމަކާ ކުރިމަތިލާން ޖެހުނަސް އެއްވެސް ފަސްޖެހުމަކާ ނުލައި ހަވާލު ކުރެވިފައިވާ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ކަމަށާއި، އަމިއްލަ ނަފްސަށް ވުރެ ވެސް ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރަން ޖެހޭ ކަމަށެވެ.

"ރައްޔިތުންގެ ސަލާމަތާއި ގައުމުގެ ރައްކާތެރިކަމަށް ގައުމުގެ އިސްތިގުލާލާއި މިނިވަން ހިމާޔަތް ކުރުމަށް އިސްކަން ދޭންޖެހޭ. އެބައިމީހުންގެ އަމިއްލަ ނަފްސާއި ފުރާނައާއި ހަށިގަނަޑަށް ވުރެންވެސް ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރަން ޖެހޭ. އަދި ކުރިމަތިލާން ޖެހުނު ކޮންމެ ކަމެއްގައި ޖެހިލުމެއް ފަސްޖެހުމެއް ނެތި ހަވާލު ކުރެވިފައިވާ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުން މުހިއްމު" ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގެ އިތުރަށް، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ އިސް ފަރާތްތަކާއި ޝާހީދުވި ފުލުހުންގެ އާއިލާގެ މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. ފުލުހުންގެ ޑިއުޓީ އަދާ ކުރަމުން ދަނިކޮށް އަދި ޑިއުޓީގައި ހުއްޓާ ޝަހީދުވި ފަސް ފަރާތެއްގެ ޒިކުރާ މިރަސްމިއްޔާތުގައި އާކުރިވެ. އަދި މި ރަސްމިއްޔާތުގައި ޑިޖިޓަލް މެމޯރިއަލްގެ ނަމުގައި ފުލުހުންގެ ވެބްސައިޓެއްވެސް ވަނީ ލޯންޗް ކޮށްފައެވެ.

ޕޮލިސް މެމޯރިއަލް ޑޭ އާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ދިވެހި ގައުމުގެ މިނިވަންކަން ދިފާއު ކުރުމުގައި އެންމެ ކުރީ ސަފުގައި ތިބޭ މީހުންނަކީ ފުލުހުން ކަމަށާއި، ޝަހީދުވި ފަސް ފުލުހުންގެ ޒިކުރާ މިއަދު އާކުރަމުން ދާއިރު، މިފަދަ ގާބިލް އޮފިސަރުން ގައުމަށްޓަކައިވި ގުރުބާނީއަށް ފުލުހުންގެ މުޅި މުއައްސަސާވެސް ފަހުރުވެރިވާ ކަމަށެވެ.

ފުލުހުންގެ ޝަރަފުވެރި ޚިދުމަތުގައި ދެމިތިއްބައި ޝަހީދުވެފައިވާ ފުލުހުންނާއި ޚިދުމަތުގައި ދެމިތިބެ ރައްޔިތުންނަށް ޚިދުމަތް ކުރަމުން ދަނިކޮށް ނިޔާވެފައިވާ ފުލުހުންގެ ހަނދާނުގައި، ފުލުހުންގެ މަރުކަޒުތަކުގައި ބައި ދަނޑިއަށް ވަނީ ދިދަ ތިރިކޮށްފައެވެ.