ކަނޑުމަތީގައި ދަތުރުކުރަމުން ދިޔަ ދެ އުޅަނދެއް ދިޔަވަމުން ދާތީ އެމްއެންޑީއެފް ކޯސްޓް ގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ކޯސްޓް ގާޑުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ 14 މީހުންނާއެކު ވ. ވައްޓަރު ބޭރުން ދަތުރު ކުރަމުންދިޔަ ބޯޓަކާއި ތ. ވަންދޫއިން ފުރައިގެން ދ. ކުޑަހުވަދޫއަށް ދަތުރުކުރި ޑިންގީއަކަށެވެ.

އެންމެއެންޑީއެފުން ބުނީ، ވ. ވައްޓަރު ބޭރުން ދަތުރުކުރަމުން ދިޔަ "ނީލްވިލާ" ނަމަކަށް ކިޔާ ބޯޓެއް ދިޔާވާކަމުގެ މައުލޫމާތު އެ ފަރާތަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 1:52 ހާއިރު ކަމަށެވެ. މި ބޯޓު ދަތުރުކުރަމުން ދިޔައީ މާލެއިން ފުރައިގެން ލ. އަތޮޅަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. ބޯޓުގެ ދިޔަ ކޮންޓްރޯލްކުރުމަށް އެމްއެންޑީއެފްގެ ކޯސްޓް ގާޑުގެ ސިފައިން ޕަންޕު ބޭނުންކޮށްފައިވާ ކަމަށާއި، މި ބޯޓު މިހާރު އޮތީ މ. ދިއްގަރުގެ ފަސް މޭލު ބޭރުގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މީގެއިތުރުން ތ. ވަންދޫން ފުރައިގެން ދ. ކުޑަހުވަދޫއަށް ދަތުރުކުރި 22 ފޫޓުގެ "ރެހެންދި" ނަމަކަށް ކިޔާ ޑިންގީއެއް ދިޔަވާތީ އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު މެންދުރު 2:52 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ޑިންގީގައި ފަސް މީހުން ތިބިއިރު، ޑިންގީ ދިޔަވާން ފެށީ ކަނޑުގަދަވުމުގެ ސަބަބުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިހާރު އެ ޑިންގީ އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ކުޑަހުވަދޫއަށް ދަތުރު ކުރަމުންދާ ކަމަށާއި "ނިީލްވިލާ" ދޯނި ޕަމްޕް ޖައްސައިގެން ދިއްގަރު ފަޅަށް ވަދެފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މިދުވަސްވަރަކީ މޫސުން ގޯސްވެ ކަނޑުގަދަ ދުވަސް ވަރަކަށް ވުމުން ކަނޑު ދަތުރުކުރުމުގައި ސަމާލުކަން ދިނުމަށް ކަމާގުޅުންހުރި ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ ކަމަށެވެ. މޫސުން ލަފާކުރާ ގޮތުން މިއަދު ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.