މާލޭގައި އިމާރާތް ކުރަމުން ދާ ކޮންސްޓްރަކްޝަން ސައިޓްތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގެ މައްސަލަތައް ބެލުމަށް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރަން ބޭނުން ނުވެ އެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މި މައްސަލައަށް ބަހުސް ކުރުމާއި ގުޅޭގޮތުން ނެގި ވޯޓުގައި އެ މައްސަލައަށް ބަހުސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ ހަ މެންބަރުންނެވެ. މި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 52 މެންބަރުން ވޯޓު ދެއްވިއެވެ.

ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ މާލެއަކީ ގިނަ އަދަދަކަށް އުސް އިމާރާތް ހަދަމުން އަންނަ ތަނަށް ވެފައި، މާލޭގައި ހިނގާ ކޮންސްޓްރަކްޝަން ސައިޓްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅު ކުންފުނިތަކުން ނާޅާ ފަރުވާ ކުޑަކުރުމުގެ ނަތީޖާ އިންތިހާއަށް ގޯސްވެފައިވާ ކަމަށެވެ.

ޖާބިރު ވަނީ މިފަދަ ކަންކަމުގައި މާލޭގައި ދިރިއުޅޭ ރައޔްިތުންނާ އެކިއެކި ބޭނުންތަކަށް ޒިޔާރަތް ކުރާ މީހުންގެ މުދަލާއި ފުރާނަ ގެއްލިގެން ދިއުމާއި، ބޮޑެތި އަނިޔާތައް ލިބެމުން ދާކަން ކުއްލި މައްސަލައިގައި ފާހަގަ ކުރައްވައިފައެވެ.

"މިއީ ސަރުކާރުގެ އެކިއެކި ފަރާތްތަކުން ފިޔަވަޅު އަޅައި އަވަސް ހައްލެއް ގެންނަން ޖެހިފައިވާ ބިރުވެރި މައްސަލައެއް. ސަރުކާރުން ވީ އެންމެ އަވަހަކަށް މި މައްސަލަ އަށް ހައްލު ހޯދައިދޭންޖެހޭ،"
ޖާބިރު

މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާ އިމާރާތްތަކުން އެއްެޗެހި ވެއްޓި ބައެއް މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު ޑަބްލިއު ކޮންސްޓަރަކްޝަން އިން މާފަންނުގައި އިމާރާތް ކުރަމުން ދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކު މަރުވެފައިވާ އިރު، މިދިޔަ މަހުގެ ތެރޭގައި ހުޅުމާލޭގައި ވެސް ވަނީ އެފަދަ ހާދިސާއެއް ހިނގައި ބިދޭސީއަކު މަރުވެފައެވެ.