ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 'ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލު' ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މަޖިލީހުން ހުޅުވާލައިފިއެވެ.

ވިސްލްބްލޯ ބިލަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފައި ވަނީ މިއަދުން ފެށިގެން މި ހިނގާ މަހުގެ ނިޔަލަށެވެ. މިބިލަށް ހިޔާލު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ލިޔުމުގެ ޒަރިއްޔާއިންނާއި، އީމެއިލްގެ ޒަރިއްޔާއިން ބިލަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލައި ފައިވާ ކަމަށް މަޖިލިސް އިދާރާއިން ބުނެއެވެ.

މި ބިލު ހުށަހަޅާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ. މި ބިލަކީ ބޮޑެތި ހިޔާނާތްތަކާ ކޮރަޕްޝަންތަކާ މައުލޫމާތު ތަހިގީގީ އިދާރާތަކާ ހިއްސާ ކުރާ މީހުންނަށް ރައްކާތެރިކަން ދިނުމަށް ހުށަހަޅާފައިވާ ބިކެވެ. މި ބިލު މަޖިލީހުން ފާސްކޮސްފައި ވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

މިފަދަ ގާނޫނެއް އެކުލަވައިލުމުގެ މަގްސަދަކީ، ނޭދެވޭ އަމަލެއްގެ މައުލޫމާތު ހުށަހަޅައި ވިސްލްބްލޯ ކުރުމަށް ބާރު އެޅުމާއި، ވިސްލްބްލޯއިން ލިބޭ މައުލޫމާތުން ފުރިހަމަ ތަހުގީގެއް ކުރުމާއި، ވިސްލްބްލޯ ކުރާ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަމެއް ދިނުމާއި، ދައުލަުގެ އިދާރާތަކުގެ މުވައްޒަފުންގެ ކިބައިގައި ފުރިހަމަ ނަޒާހާތްތެރި ސަގާފަތެއް އެކުލަވައިލުމާއި، މި ގާނޫނުގެ ދަށުން ވިސްލްބްލޯ ކުރާ ފަރާތްތަކުގެ ހައްގުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުންކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި ގާނޫނު އެކުލަވައިލެވުމާއެކު އާންމުންގެ ފަރާތްތަކަށާއި، ސަރުކާރުގެ މުވައްސަސާތަކުގެ ފަރާތްތަކުންނާއި އަދި އެހެނިހެން ގާނޫނީ ހައިސިއްޔަތެއް ލިބިފައިވާ ފަރާތްތަކަށްވެސް ވިސްލްބްލޯ ކުރެވިދާނެއެވެ.

ވިސްލްބްލޯ ކުރާ މީހުންނަށް ރައްކާތެރިކަމާއި ހިމާޔަތްދިނުމަކީ ރައީސް އިބްރާހިމް މުހައްމދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.