އިންޑިއާ އަސްކަރިއްޔާގެ ޕެރާމިލިޓްރީ ފުލުހުންގެ ގޮތްޕާއެކު ތަމްރީނުތައް ފުރިހަމަ ކުރުމަށް، އިންޑިއާގެ ގައުމީ ކުރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން މަހެންދްރާ ސިންހް ދޯނީއަށް ފުރުސަތު ލިބިއްޖެއެވެ.

މި ފުރުސަތު ދޯނީއަށް ލިބިފައިވަމިވަނީ، މިކަމަށް އެދި އޭނާ ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް އިންޑިއާ އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް ބިޕިން ރާވާތު ނިންމެވުމާ ގުޅިގެންނެވެ.

ދޯނީ އަސްކަރީ ތަމްރީނުތައް ފުރިހަމަ ކުރާނީ ޕެރަޝޫޓު ރެޖިމެންޓާއެކުގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ތަމްރީނުތަކުގެ ބައެއް، ޖައްމުއާއި ކަޝްމީރުގައިވެސް ކުރިއަށްދާނެ ކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް، ލައިވް އޮޕަރޭޝަނެއްގައި ބައިވެރިވުމުގެ ފުރުސަތެއް ދޯނީއަށް ނުލިބޭނެކަން އަސްކަރިއްޔާއިންވަނީ ކަށަވަރުކޮށްދީފައެވެ.

މިފަހަރުގެ ކުރިކެޓް ވާލްޑްކަޕްގައި އިންޑިއާއަށް ކުރިމަތިލާންޖެހުނު ހިތި ނަތީޖާއާއިއެކު ދޯނީގެ ރިޓާޔަމަންޓްގެ އަޑުފަށްގަނޑު ގަދަވެފައިވާއިރު، ކުރިއަށް އޮތް ދެމަހެއްހާ ދުވަސް އޭނާ ހޭދަކުރާނީ އަސްކަރީ ތަމްރީނުތަކުގައި ކަމަށް ބެލެވެއެވެ.

އެމް އެސް ދޯނީއަކީ އިންޑިއާ އަސްކަރިއްޔާގެ ރަމްޒީ ލެފްޓިނެންޓާ ކާނަލްއެކެވެ.