ނޭޝަނަލް ސައިންސް ފައުޑޭޝަންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސައިންޓްފިކް ދިރާސާތައް ކޮށް އަދި ސައިންޓިސްޓުން އުފެއްދަން ގްރާންޓް ސްކީމެއް ތައާރަފް ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.
ހިރިޔާ ސްކޫލްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް އެ ސްކޫލުގައި ބޭއްވި ސައިންސް ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަލީހް ވިދާޅުވީ އެފަދަ ސައިންސް ފެއާތަކަށް ނޭޝަނަލް ސައިންސް ފައުންޑޭޝަން މެދުވެރިކޮށް ކުރިއަށް އޮތްތާ އެހީތެރިކަން ފޯރުކޮށް ދެވޭނެ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ "ސްޓެމް އެޑިއުކޭޝަން" އާއި ސައިންޓިފިކް ދިރާސާތައް ގިނަގިނައިން ކުރުމަށް މިހާރަށްވުރެ ބޮޑަށް ހޭލުންތެރި ކުރުމަށް މިހާރުން މިހާރަށްވެސް ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައި މިކަން ރާއްޖޭގެ އެޑިއުކޭޝަން ސިސްޓަމުގައި އެކުލަވާލުމުގެ މުހިއްމު ކަން ފާހަގަ ކުރައްވާފައެވެ.
ރާއްޖޭގެ އާބާދީ ކުޑަވިޔަސް އަދި ގައުމުގެ ވަސީލަތްތައް މަދު ނަމަވެސް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމަކަށް ރާއްޖެއަށްވެސް ވެވިދާނެކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެކަން ކުރެވޭނީ ރަނގަޅު ގޮތުގައި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރައިގެން ގޮސްގެން ކަމަށެވެ. ސައިންސް އަދި ޓެކްނޮލޮޖީ މެދުވެރިކޮށް ތަރައްގީގެ އާ އުސްމިންތަކަށް ގައުމު ގެންދިއުމަށް މަގުފަހި ކުރަން ޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ސަރުކާރުގައި ސައިންސް އެންޑް ޓެކްނޮލިޖީއަށް ހާއްސަ މިނިސްޓްރީއެއް އުފައްދާފައި ވާއިރު، ކުރިއަށް އޮތް ތަނުގައި، އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިގެން ސައިންސްގެ ދާއިރާ އިތުރަށް ފުޅާކޮށް ތައުލީމީ މަންހަޖުގެ ތެރެއަށް ސައިންސް އެންޑް ޓެކްނޮލޮޖީ ވެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.