އިންސާނަކު ފުރަތަމަ ފަހަރަށް ހަނދުގައި ފިޔަވަޅުތިލަ ޖެއްސިތާ 50 އަހަރު ފުރުން ދުނިޔޭގެ އެކި ހިސާބުތަކުގައި ފާހަގަކޮށްފިއެވެ.

އެޕޯލޯ 11ގެ އީގަލް މޮޑިއުލް ހަނދުގެ ސަތަހާގައި ޖައްސާ، އޭގައި ތިބި 2 އިންސާނުން ހަނދަށް ފޭބީ 1969 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

ހަނދުގައި ފުރަތަމަ ފައިޖެއްސި އެސްޓްރޮނޯޓަކީ ނީލް އާމްސްޓްރޯންގްއެވެ.

އެމެރިކާއިން ހަނދަށް ކުރި މި ދަތުރަކީ، އޭރުގެ ސޯވިއެޓް ޔޫނިއަންއާއި އެމެރިކާ އާއި ދެމެދު ކުރެވެމުންދިޔަ ފިނި ހަނގުރާމައިން ހިތްވަރު ލިބިގެން އެމެރިކާއިން ކުރި ދަތުރެކެވެ. ނަމަވެސް މިއަދު މި ދަތުރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޖައްވީ ހަރަކާތްތައް ލޯބިކުރާ "ސްޓާގޭޒާޒް"ގެ މެދުގައި މަގުބޫލު އިވެންޓެކެވެ.

އިންސާނުން ހަނދަށްކުރި ފުރަތަމަ ދަތުރަށް ބައި ގަރުނު ފުރުން ފާހަގަކުރުމުގެ ގޮތުން ނާސާއިން ހަރަކާތްތައް ފަށާފައިވަނީ، ހަނދަށް ކުރި ފުރަތަމަ ދަތުރުތުގެ ފެށުން އޮންލައިންކޮށް ސްޓްރީމްކޮށް، މި ޖީލުގެ ޒުވާން ކުދިންނަށް އެތަޖުރިބާގެ އިހުސާސްތައް ކުރުވައިދެމުންނެވެ. މީގެ 50 އަހަރުކުރިން އެޕޯލޯ 11އިން ފެށި ތާރީހީ ދަތުރުގެ މަންޒަރުތައް 1 ބިލިއަން މީހުން ބެލި ކަމަށްވެއެވެ.

އިންސާނުން ގޮވައިގެން ހަނދަށް ކުރި ފުރަތަމަ ދަތުރުގެ ކުރޫގައި ހިމެނުނު 3 މެމްބަރުންނަކީވެސް 1930ގެ އަހަރުތަކުގެ ތެރޭގައި ދުނިޔޭގެ އަލިކަން ދުށް ޒުވާނުންނެވެ. އެއީ ނީލް އާމްސްޓްރޯންގްގެ އިތުރުން ބަޒް އެލްޑަރީންއާއި މައިކަލް ކޮލިންސްއެވެ. މީގެ ތެރެއިން އާމްސްޓްރޯންގް ވަނީ 2012 ވަނަ އަހަރު ނިޔާވެފައެވެ.

މައިކަލް ކޮލިންސްގެ ވާހަކައަކީ މީޑިއާގައި މާ އާންމު ވާހަކަތަކަކަށް ނުވި ނަމަވެސް ހަނދަށް ކުރި ދަތުރަށް ބައި ގަރުނު ފުރުމާ ދިމާކޮށް މީޑިއާގެ ސަމާލުކަމަށް އޭނާވެސް ވަނީ އަރާފައެވެ.

މައިކަލް ކޮލިންސް ބުނާ ގޮތުގައި ރޭގަނޑުގެ އަނދިރި ހަމަ ހިމޭން ވަގުތުތަކުގައި މަގުމަތީގައި އުޅޭއިރު ހަނދު ފެންނަ ކޮންމެ ފަހަރަކު އޭނާ އެތަނަށް ދިޔަކަން ހަނދާނަށް އާދެއެވެ.