އިނގިރޭވިލާތުގެ ދިދަ ޖަހައިގެން ހޮރުމޫޒު ކަނޑުއޮޅިން ދަތުރު ކުރަމުން ދަނިކޮށް ސްޓެނާ އިމްޕޭރޯ ނަމަކަށް ކިއާ ޓޭންކަރު ހިފަހައްޓަން ޖެހުނީ ކަނޑުމަތީގެ އެކްސިޑެންޓަކާ ގުޅިގެން ކަމަށް އީރާނުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސްޓެނާ އިމްޕޭރޯ ހިފަހައްޓަން ޖެހުނީ، އީރާނުގެ މަސް ބޯޓަކާ އެކްސިޑެންޓްވެ، އެ ބޯޓުން ހާލުގައި ޖެހިގެން ދިން 'ޑިސްޓްރެސް ކޯލަށް' ޓޭންކަރުން އިޖާބަ ނުދިނުމުގެ ސަބަބުންނެވެ.

އީރާނުގެ ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ހޮރުމޫޒުގަންގެ ބަނދަރުތަކާ ކަނޑުދަތުރުފަތުރާ ބެހޭ އިދާރާގެ އިސްވެރިޔާ އައްލާހުމުރާދު އަފީފީޕޫރާއި ހަވާލާދީ އީރާނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސްޓެނާ އިމްޕޭރޯގައި ތިބި 23 ފަޅުވެރިން މިވަގުތު ތިބީ ބަންދަރު އައްބާސް ޕޯޓުގައެވެ. އަދި މިމައްސަލައިގެ ތަހުގީގު ނިމެންދެން އެމީހުން ތިބޭނީ ކަނޑު އުޅަނދުގައި ކަމަށްވެސް އޮފިޝަލު ވަނީ ހާމަކުރައްވާފައެވެ. 23 ފަޅުވެރިންގެ ތެރެއިން 18 މީހުންނަކީ އިންޑިއާ ރައްޔިތުން ކަމަށް ވާއިރު ރަޝިއާ އާއި ފިލިޕީންސްގެ އިތުރުން އަދިވެސް އިތުރު ސަރަހައްދުތަކުގެ މީހުން މީގެ ތެރޭގައި ހިމެނޭ ކަމަށް އީރާނުގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުން ބުނީ ސްޓެނާ އިމްޕޭރޯއަކީ ސައުދީ އަރަބިއްޔާއަށް ދަތުރުކުރަމުން ދިޔަ ޓޭންކަރެއް ކަމަށާ، ހޮރުމޫޒު ކަނޑުއޮޅިއާ ހިސާބުން ބޯޓުގެ ދަތުރު މިސްރާބު ކުއްލިއަކަށް ބަދަލުވިތަން ފެނިގެންދިޔަ ކަމަށެވެ.

މިދަނޑިވަޅަކީ ހުޅަނދާ އީރާނާ ދެމެދު ނުތަނަވަސް ކަމެއް އުފެދިފައިވާ ދަނޑިވަޅެކެވެ. މި ގުޅުމަށް ހީނަރު ކަމެއް އައިސްފައި ވަނީ، ވިލާތުގެ އިއްތިހާތުގެ ގަވައިދުތަކާ ހިލާފަށް އީރާނުން ސޫރިޔާއަށް ތެޔޮ ސަޕްލައި ކޮށްދޭން އުޅުނުކަމުގެ ތުހުމަތުގައި ޖިބްރާލްޓާ ކައިރިން އީރާނުގެ ޓޭންކަރެއް، ހުޅަނގުގެ ބާރުގެ ދަށަށް ގެންދިޔަ މައްސަލާގައެވެ.